ދަރިމައިވުމުން ހީވެސް ނުކުރާފަދަ ބަދަލުތަކެއް އާދޭ

ދަރިމައިވުމަކީ އަންހެނެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި، އަދި އެންމެ ގިނަ ގުނަ ތަޖުރިބާތަކާއި އެކިއެކި ތަކުލީފުތަކާއި ވެސް ކުރިމަތިލުމުގެ ފެށުމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކިއެކި ބަދަލުތަށް ކޮންމެ އަންހެނަކަށް ވެސް، ދަރިމައިވުމަށް ފަހު އަންނާނެއެވެ.

ޙަޤީޤަތުގައި ބަލިވެ އިނުމަށްފަހު އަންހެނެއްގެ ހަށިގަނޑަށް ބަދަލުތަށް އަންނަން ފަށައެވެ. އަދި ވިހެއުމަށްފަހު ނުވަތަ ދަރިމައިވުމަށް ފަހު ވެސް ހަމަ މިބާވަތުގެ ބަދަލުތަށް ބައެއް އަންހެނުންނަށް އާދެއެވެ.

ބޭބީ ބްލޫސް

ބޭބީ ބްލޫސް އަކީ ދަރިމައިވުމަށް ފަހު ހޯމޯންސް އަށް އަންނަ ބަދަލެއްގެ ސަބަބުން ނަފްސާނީ ގޮތުން ކުރިމަތިވާ ކަމެކެވެ. މިކަމުގެ ސަބަބުން އަބަދުމެ ކަންކަމާއި ފިކުރުބޮޑުވެ، ހާސްވެ، ވިސްނޭ ގޮތްވާނެއެވެ. އަދި މޫޑައްވެސް ގިނަގުނަ ބަދަލު ތަކެއް އާދެއެވެ. ކަންކަމާއި މާއަވަހަށް ދެރަވުމާ، ހާސްވުމާ އަދު ރުޅި އައުމަކީ މިގޮތުން މޫޑައް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.

ވިހެއުމަށްފަހު ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަރާ ތަދުތަށް

ވިހެއުމުގައި އަންހެނެއްގެ ހަށިގަނޑަށް އަޅާ ވޭންތައް އެނގޭނީ ހަމަ އަންހެނުންނަށެވެ. އަދި މިވޭނަކީ ދިގު މުއްދަތަކަށް ތަޙައްމަލު ކުރަން ޖެހޭ ވޭނެކެވެ. ވިހުމަށްފަހު ގިނަ އަންހެނުން ވަރަށް ފަސޭހައިން ވަރުބަލި ވާނެއެވެ. އަދި މޭކަށިގަނޑުގަޔާއި، ބުރަކަށީގަ އަދި ޖިންސީ ގުނަވަންތަކަށް ވެސް އެކިއެކި ތަދު އަރާތީ ވަރަށް ގިނަ އަންހެނުން އުޅެއެވެ. މިފަދަ ތަދުތަކަކީ ވިހެއުމަށްފަހު އަންހެނާގެ ރަޙިމު ކުރިން ހުރި ސައިޒަށް ކުޑަ ވާތީ، އަރަމުންދާނެ ތަދުތަކެކެވެ. އާއްމު ގޮތެއްގައި މިފަދަ ތަދުތަށް ދެމި ހުންނަނީ ވިހެއުމަށްފަހު ހަ ހަފްތާ ވަންދެންނެވެ. މިފަދަ ތަދުތަކުން ލުޔެއް ލިބެން ބޭނުންނަމަ ގިނަގިނައިން އަރާމު ކުރުން މުހިންމެވެ. އަދި މީގެ އިތުރުން ތާފެނާ ފެނުން ދަށްބަނޑު ބޮނޑިތާން ކުރުމުން ވެސް އަވަހަށް ފަސޭހަވާނެއެވެ. މީގެ އިތުރުން މަދުވެގެން މަސް ދުވަސް ވަންދެން ކޮންމެ ދުވާލަކު އެއްފަހަރު ނަމަވެސް ތާފެނާ ފެނުން ފެންވެރުމުން ވެސް ވިހެއުމުގެ ތަދުތަކަށް ލުއިކަންލިބި އަވަހަށް ފަސޭހަ ވާނެއެވެ.

އުރަމަތި ދުޅަވުން

މިއީ އާއްމުކޮށް އަލަށް ދަރިމައިވާ އަންހެނުންނަށް ކުރިމަތިވާ ބަދަލެކެވެ. އުރަމަތިފަރާތް ދުޅަވެ، ގަނޑުވާ ގޮތް ވާނެއެވެ. މިކަމުގެ ސަބަބުން ވެސް އަންހެނާއަށް ވަރަށް ވޭން އަޅާނެއެވެ. މިހެން ވެފައި ހުންނަ ދުވަސްތަކުގައި ގާތުން ކިރު ކިރުދިނުމުން އުރަމައްޗަށް މާބޮޑަށް ތަދުވާނެއެވެ. ނަމަވެސް ގިނަ ތަޖުރިބާކާރުން ލަފާދޭ ގޮތުގައި، މިކަމުގެ އެންމެ ބޮޑު ޙައްލަކީ ގިނަ ގިނައިން ގާތުން ކިރު ދިނުމެވެ. ނަމަވެސް އުރަމަތި ފަރާތް ރަތްވެ ހޫނުވެފައިވާ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން ބުއްދިވެރި އެވެ. މިއީ މެސްޓައިޓިސް ގެ އަލާމާތަކަށް ވެދާނެއެވެ. މެސްޓައިޓިސް އަކީ ވަރަށް ވޭންދެނިވި އިންފެކްޝަނެކެއެވެ. އަދި އެކަމުގެ ފަރުވާ އަކަށް ގިނަގުން އެންޓިބަޔޮޓިކް ދޭން ޖެހޭނެއެވެ.

ބަނޑެއްލާފައި ހުރުން

ދަރިމައިވުމަށްފަހު ގިނަ އަންހެނުން ބަނޑެއް ލާނެއެވެ. ކުރިން އެއްވެސް ވަރަކަށް ފާހަގަ ކުރެވޭ ވަރުގެ ބަނޑެއް ނެތް ކަމުގައި ވިޔަސް، ދަރިމައިވުމަށްފަހު ގިނަ މީހުންގެ އެކަން ބަދަލުވެއެވެ.  މިހެން މިކަންވަނީ ބަލިވެ އިންނަ ދުވަސްތަކުގައި ހަންގަނޑަށާއި މަސްތަކަށް ވާންވެ ދެމުމަށްފަހު، ވިހެއުމުން ކުއްލިއަކަށް އެހަންތަށް ދޫވުމުގެ ސަބަބުންނެވެ. އެހެންކަމުން ވިހެއުމަށްފަހު ކުރިން ހުރި ގޮތަށް ބައްޓަން ގެނައުމަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ. އަދި ސިޒޭރިއަން ހަދާފައި ތިބޭ އަންހެނުންނަށް ކުރިން ހުރިގޮތަށް އަނބުރާ ދާން މާގިނަ ދުވަސް ނަގާނެއެވެ.

ބޮލުން އިސްތަށިފޭބުން

ބަލިވެ އިންނަ ދުވަސްތަކުގައި، ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލު ތަކަކާއި ހެދި އިސްތަށި ފޭބުން ހުއްޓި އިސްތަށިގަނޑު ވަރުގަދަ ވެސް ވާނެއެވެ. ނަމަވެސް ވިހެއުމަށްފަހު، ކުއްލިއަކަށް އަނެއްކާވެސް އަންނަ ބަދަލުތަކާއި ގުޅިގެން އިސްތަށި ފައިބަން ފަށައެވެ.  ނަމަވެސް މިކަމުގެ ޙައްލެއްގެ ގޮތުން ގިނަ ގިނައިން މޭވާ އާއި ތަރުކާރީ ކެއުމުން މިކަން އެއްކޮށް ރަނގަޅުވާނެއެވެ. މީގެ އިތުރުން، އިސްތަށިގަނޑު މާބާރަށް އެއްސުމާ ހުޅި ޖެހުން ފަދަ ކަންތައް ދޫކޮށްލުން މުހިންމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *