އަމިއްލަ މަސައްކަތް ކުރާ ޖަމާއަތެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން(އިމަގު) ގެ ފަރާތުން އިސްނަގައިގެން މިފެށޭ އަޟްޙާ ޢީދުގައި ވަރަށް ޚާއްސަ ޝޯތަކެއް ހއ.އިހަވަންދޫ ގައި ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.
”އިމަގު“ ގެ އިވެންޓް ކޯޑިނޭޓޯ ސައުދުﷲ އަޙްމަދު މިއަދު ”ދުވަސް“ އަށް މަޢުލޫމާތު ދިން ގޮތުގައި މިއަހަރަކީ އެ ޖަމިއްޔާ އުފެދުނުތާ 20 އަހަރު ވެސް ފުރޭ އަހަރެވެ. އެހެންކަމުން މިފަހަރު މިފާހަގަ ކުރެވެނީ އަޟްޙާ ޢީދުގެ މުނާސަބަތާއި 20 އަހަރުފުރުމުގެ މުނާސަބަތާއި އެއްކޮށް ގުޅުވާލައިގެން ކަމަށް ސައުދުﷲ މަޢުލޫމާތު ދިނެވެ.
މަލިކުން މިޝޯއަށް 27 ބޭފުޅުން އައުމަށް ހަމަޖެހިފައިވާ ކަމަށާއި ބޮޑަށް އޮންނާނީ އެބޭފުޅުންގެ އައިޓަމްތަށް ކަމަށާއި މަލިކުގެ ސަގާފީ ކުޅިވަރުތަށް ކަމަށް ވެސް ސައުދުﷲ މަޢުލޫމާތު ދިނެވެ. މިއައިޓަމްތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދުގެ ފުރަތަމަ ރެއާއި ދެވަނަ ރެއާއި ތިންވަނަ ރޭގައެވެ.
މީގެ އިތުރުން ޢީދުގެ ފުރަތަމަ ރޭ، ”އިމަގު“ ގެ މަރުކަޒީ އިދާރާ ހުޅުވުމުގެ ރަސްމިއްޔާތު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަރުކަޒީ އިދާރާ ހުޅުވުމާއި އެކު ބަޑިބޭހުގެ ކުޅިވަރުތަށް ވެސް އޮންނާނެ ކަމަށް ސައުދުﷲ ވަނީ މަޢުލޫމާތު ދެއްވާފައެވެ. ޝޯފެށުމަށް ހަމަޖެހިފައިވަނީ މަރުކަޒީ އިދާރާ ހުޅުވުމަށް ފަހުގައި ބަޑިބޭހުގެ ކުޅިވަރަށް ފަހު ކަމަށާއި ޝޯގައި އޮންނާނީ މުޅި އިހަވަންދޫ ގެ އެކިއެކި އައިޓަމްތަކާއި އެކު މަލިކުން އަންނަ ބޭފުޅުންގެ ހަރަކާތްތަކެވެ. އަދި މީގެ އިތުރުން މާލެއިން އަންނަ ބައެއް ފަންނާނުންގެ އައިޓަމްތަށް ވެސް ޢީދުގެ ތިން ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާގެ އިވެންޓް ކޯޑިނޭޓޯ ބުންޏެވެ.
މީގެ އިތުރުން ޢީދުގެ ތިން ދުވަހު ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ގެ ހަރަކާތް ތަކެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ވެސް ސައުދުﷲ ބުންޏެވެ. އެގޮތުން އެމްއެންޑީއެފް ގެ ނޮދަރން ރީޖަން ގެ ބޭފުޅުން މިހާރު ވެސް އަންނަނީ މި ކުޑަކުދިންގެ ހަވީރަށް ތައްޔާރުވަމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
”ކުޑަ ކުދިންގެ ހަވީރު މިފަހަރު ބޭއްވުމަށް ބޮޑަށް ހަމަޖެހިފައި މިއޮތީ އެމްއެންޑީއެފް އާއި ގުޅިގެން“ އަމިއްލަ މަސައްކަތް ކުރަމުން އަންނަ ޖަމާއަތެއް ކަމުގައިވާ ’އިމަގު‘ ގެ އިވެންޓް ކޯޑިނޭޓޯ ސައުދުﷲ އަޙްމަދު މަޢުލޫމާތު ދިނެވެ.