ރާޢްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގައި ރައިސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަދި އަދާލަތު ޕާޓީގައިވެސް ރައިސަކު ނެތް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެ ކޮމިޝަނުން ބުނެފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓގެ ރައިސަކު ނުހުންނަ ކަމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ އެ ދެ ޕާޓީގެ ރައިސްގެ ގޮތުގައި ކޮމިޝަނަށް އަނަްގަވާފައިވާ ދެ ބޭފުޅުން މިވަގުތު ޖަލު ހުކުެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
އަދި ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެ ސިޓީގައި ވެ އެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 63 ވަނަ މާއްދާއަށް މިދިއަ އަހަރު ރައްޔިތުންގެ މަޖިލީހުންވަނީ އިސްލާހު ގެނެސްފައި އެވެ. އެ އިސްލާހުގައި ވާގޮތުން ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދާނަމަ ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާއެއް ނުކުރެވޭނެ އެވެ. ނަމަވެސް އާންމު މެމްބަރެއްގެ ގޮތުގައި ހުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި އިސްލާހު އެގޮތަށް ފާސްކުރި ނަމަވެސް އެއަށް އަމަލު ނުކުރާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ނިންމާފައި އެވެ.
އެގޮތުން އެމްޑީޕީންބުނެފައިވަނީ އެ ޕާޓީގެ ރައިސް އަކީ އަދިވެސް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައިސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ރަޢިސަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޝެއިހް އިމްރާން އަބްދުﷲ ކަމަށެވެ.