ޑައިވް ކުރުމުގައި ބައިނަލް އަޤުވާމީ ގޮތުން އެންމެ ކުރިއަރާފައިވާ އޮގަނައިޒޭޝަން “ޕަޑި” އިން ފުލުހުންނަށް ބޭނުންވާ ޚާއްޞަ ދާއިރާތަކުން ޑައިވަރުން ތަމްރީނުކޮށްދީ ފަންނީ އެހީތެރިކަން މެރިން ޕޮލިސްގެ ޑައިވް ޔުނިޓަށް ދޭން ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސްގެ ޑައިވަރުންނަށް ޕަޑި އިން ފަންނީ އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތު ދޭން ނިންމާފައިވަނީ، ޕަޑި އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް މެނޭޖަރ މެޓް ވެންގަރ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއެކު އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އިއްޔެ އޮތް މި ބައްދަލުވުމުގައި ޕަޑި ގެ ރީޖަނަލް މެނޭޖަރ ވަނީ، އެކިއެކި މައްސަލަތަކާ ގުޅިގެން ހެކި ޤަރީނާ ހޯދަން ފުލުހުން ކުރަމުންދާ ޑައިވްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ޚާއްޞަ ކޮށްގެން ޑައިވަރުން ތަމްރީނު ކޮށްދިނުމުގައި ޕަޑި އިން އެހީތެރި ވާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޕްރޮފެޝަނަލް ޑައިވަރުން ފުލުހުންގެ ތެރޭގައި ތަމްރީނު ކުރުމަށްވެސް ޕަޑި އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ޕަޑި އާއި އެފިލިއޭޓް ވުމަށްފަހު ދައްކަންޖެހޭ އަހަރީ ފީ 2 އަހަރު ދުވަހުގެ މުއްދަތަށް މާފްކޮށްދެއްވަންވެސް ރީޖަނަލް މެނޭޖަރ ވަނީ ނިންމާފައެވެ.
ޕަޑި އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ސްކޫބާ ޑައިވަރުން ތަމްރީނު ކޮށްދިނުމާއި ޑައިވް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެމުންދާ ބައިނަލް އަޤުވާމީ ޖަމާޢަތެއްކަމުން މި ޖަމާޢަތުގެ އެހީތެރިކަން ފުލުހުންގެ ޑައިވަރުންނަށް ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ޕަޑީ ގެ ހުރިހާ ހިންގުންތެރިންނަށާއި ވެރިންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ އިއްޔެގެ ބައްދަލުވުމުގައި ޝުކުރު ދަންނަވާފައެވެ.
އިއްޔެ އޮތް ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ހުންނަ ގޮތުން ފުލުހުން ތަޙްޤީޤު ކުރަމުންދާ ބައެއް މައްސަލަތަކުގައި ކަނޑުފަޅު ފީނައިގެން ހެއްކާއި ޤަރީނާ ހޯދުމަށާއި ކަނޑުމަތީގައި ހިނގާ އެކިއެކި ޙާދިސާތަކުގައި މީހުންގެ ނަފްސާއި މުދާ ޙިމާޔަތް ކުރުމަށްވެސް ކަނޑާ މޫދުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާއިރު ފުލުހުންނަށް މިފަދަ ފަންނީ ބައެއްގެ އެހީތެރިކަން ލިބިގެން ދިއުމަކީ ވަރަށް ޚާއްޞަ ކަމެއް ކަމަށެވެ. އަދި ޕަޑި ގެ ޕްރޮފެޝަނަލް ޑައިވަރުންގެ އެހީތެރިކަމާއެކު ފުލުހުންގެ ޑައިވަރުންނަށް އިތުރު ތަމްީނުގެ ފުރުޞަތު ތަކާއި ފުލުހުންގެ ޑައިވް ސްކޫލު ތަރައްޤީ ކުރުމަށް އިތުރު ފުރުޞަތުތައް ލިބިގެން ދިއުމުން ފުލުހުންގެ މިފަދަ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ހެޑް އޮފް އިންޓަރގްރޭޑެޓް ސާވިސަސް ކޮމާންޑުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އާއި މެރިން ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒް އާއި މެރިން ޕޮލިސްގެ ވެރިން ބައިވެރިވިއެވެ.