ސޫރިޔާއާއި އިޒްރޭލާއި ދެމެދު ކުރިމަތިލުމެއް ހިނގައިފި

ދާހިލީ ހަނގުރާމަ ހިނގަމުން އަންނަ ސޫރިޔާ އާއި ފަލަސްތީނު އަޅުވެތި ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިޒްރޭލާއި ދެމެދު ކުރިމަތިލުމެއް ހިނގައިފި އެވެ.

މި ކުރިމަތިލުން ހިނގާފައިވަނީ އިއްޔެ އެވެ. ކުރިމަތިލުން ހިނގަން މެދުވެރިވީ ސޫރިޔާ ސިފައިންގެ މޯޓަރު ބަޑީގެ ހަމަލާއެއް އިޒްރޭލަށް އަމާޒު ވުމުންނެވެ.

އިޒްރޭލުން ހާމަކޮށްފައިވާގޮތުގައި ސޫރިޔާގެ މޯޓަރު ބަޑީގެ ހަމަލާތަކެއް އިޒްރޭލަށް ކުރިމަތިވެފައިވާކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް  އަނިޔާއެއް ވެފައިނުވާކަމަށެވެ. އަދި ރައްދު ދިނުމުގެ ގޮތުން އިޒްރޭލު ސިފައިންގެ ކެނަން ހަމަލާތަކެއް ސޫރިޔާއަށް އަމާޒުކޮށްފައިވާނެ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއެއްގައި އިޒްރޭލުގެ ތަރުޖަމާނަކު ބުނެފައިވަނީ ސޫރިޔާއިން އިޒްރޭލަށް ދިން ހަމަލާގެ ޒިންމާ ސޫރިޔާގެ ސިފައިން އުފުލަން ޖެހޭނެ ކަމަށާއި އަދި އިޒްރޭލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިޒްރޭލުގެ ފައުޖުތައް އަބަދުވެސް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

ސޫރިޔާ އާއި އިޒްރޭލާއި ދެމެދު ކުރިމަތިލުމެއް އިއްޔެ ހިނގާފައިވާއިރު މިދިޔަ މަހުގެ 22 ވަނަ ދުވަހުވެސް މިފަދަ ކުރިމަތިލުމެއް ހިނގާފައި ވެ އެވެ.

ސޫރިޔާއާއި އިޒްރޭލާއި ދެމެދު މި ކުރިމަތިލުންތައް ހިނގާފައިވަނީ ހަދްބަތުލް ޖައުލާން ސަރަހައްދުގަ އެވެ. އެ ސަރަހައްދަކީ ސޫރިޔާ އަދި އިޒްރޭލު ގުޅޭ ސަރަހައްދެއް ކަމަށްވާއިރު އެ ސަރަހައްދުގެ ބައެއް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ. އަނެއް ބައި ކޮންޓްރޯލް ކުރަނީ ސޫރިޔާ އިންނެވެ. އިޒްރޭލުން އެ ސަރަހައްދުގެ ބޮޑުބައެއް އަތުލާފައިވަނީ 1967ގައި ސޫރިޔާ އާއި ހަނގުރާމަކޮށްގެންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *