ދިވެހި ސަރުކާރުގެ ކޮޕަރްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ހެދި ޑޮކިއުމެންޓްރީ ”ސްޓީލިންގ ޕެރެޑައިސް“ ތައްޔާރު ކުރި ރިޕޯޓަރަކަށް ބިރުދެއްކުމާއި ގުޅިގެން އެކަން އިނގިރޭސި ފުލުހުންނަށް އަލްޖަޒީރާއިން ހުށަހަޅައިފި އެވެ.
”ދިވެހި ލަޝްކަރު“ ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން މަރުގެ އިންޒާރު ދީފައިވަނީ އަލް ޖަޒީރާގެ ރިޕޯޓަރު ވިލް ޖޯޑަން އަށެވެ. އެ އިންޒާރާއި ގުޅިގެން އަލްޖަޒީރާ އިންވެސްޓިގޭޓިވް ޔުނިޓްގެ ޑިރެކްޓަރު ކްލޭޓަން ވިޝާ އިންޑިއާގެ ނޫހަކަށް ވިދާޅުވެފައިވަނި ސްޓީލިންގ ޕެރެޑައިސް އެ ޗެނަލުން ދައްކަން އުޅޭތީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އިންޒާރުތައް ލިބެމުންދާ ކަމަށެވެ.
https://twitter.com/DhivehiLashkaru/status/771070789990830080?ref_src=twsrc%5Etfw
އަދި އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސް އެއީ ކޮންބައެއްތޯ ހޯދަން އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އިނގިރޭސި ފުލުހުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށެވެ.
އަލްޖަޒީރާއިން އެ މައްސަލަ އިނގިރޭސި ފުލުހަށް ހުށަހަޅާފައިވާކަން ހާމަ ކުރުމުން އެ ޓުވިޓާ އެކައުންޓުން ވަނީ އޭނާ ނުހޯދޭނެކަމަށް ބުނެ ޓުވީޓެއްކޮށްފައި އެވެ.
ވިޝާ ވިދާޅުވީ އެ ޑޮކިއުމެންޓްރީ ކަނޑައަޅާފައިވާ ތާރީހަށް ނުދެއްކެނީވެސް ބިރުދައްކަމުންދާތީ ކަމަށެވެ. ސްޓީލިންގ ޕެރެޑައިސް އަލްޖަޒީރާއިން ދައްކަން ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަޖްލަޒީރާގެ ޝެޑިއުލްއަށް އެރުވުމަށް ފަހު މިހާރު އެ ޑޮކިއުމެންޓްރީ ޝެޑިއުލްއިން ނަގާފައިވާއިރު އެ ޑޮކިއުމެންޓްރީ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ހަފްލާ އޯގަސްޓް 30 ގައި ބޭއްވުމަށް ހަމަޖެއްސުމަށް ފަހު ވަނީ ކެންސަލްކޮޮށްފައި އެވެ.
އެހެން ނަމަވެސް އަލްޖަޒީރާއިން ބުނަނީ ކަނޑައެޅިފައިވާ ތާރީހުގައި ޑޮކިއުމެންޓްރީ އެ ޗެނަލުން ދައްކާނެ ކަމަށެވެ.