ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހަންމަދުގެ އަބުރަށް އުނިކަން އަންނަ ފަދަ ހަބަރެއް ބްރޯޑްކާސްޓްކޮށް ފައިވާ ކަމަށް ބުނެ ރާއްޖެޓީވީއާ ދެކޮޅަށް ކޮށްފައިވާ އަބުރުގެ ދައުވާ އާއި ގުޅިގެން ސިވިލް ކޯޓަށް ހާޒިރުވުމަށް އެ ސްޓޭޝަނަށް ޗިޓު ފޮނުވައިފި އެވެ.
ޔަޒީދުގެ އަބުރާ ބެހިފައިވާކަމަށް ބުނެ އޭގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ރާއްޖެ ޓީވީއަށް އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 01:45 ށެވެ. އެ ޗިޓު ލިބިފައިވާކަން ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.
އެ މައްސަލަ ޔަޒީދު ސިވިލް ކޯޓަށް ވައްދާފައިވަނީ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.
ރާއްޖެ ޓީވީން ބުނީ ޔަޒީދު އެ ސްޓޭޝަނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރެއްވީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ގެނެސްދިން ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައވަނީ މީރާއަށް ފިއްލަވައިގެން ޔަޒީދު ވިޔަފާރި ކުރައްވާ ކަމަށެވެ. އެގޮތުން ރެހެންދި ފްލެޓުން ޔަޒީދަށް ލިބިފައިވާ ފްލެޓު ކުއްޔަށްދީގެން އާމްދަނީ ހޯއްދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރާއްޖެ ޓީވީން އެ ރިޕޯޓުގައި ހިމަނާފައި ހުރި ވާހަކަތަކުގެ ސަބަބުން ޔަޒީދުގެ އަބުރަށް އަރައިގަނެވިފައިވާކަމަށް ވިދާޅުވި ކަމަށް އޭނާ އާއި ހަވާލާދީ ރާއްޖެ ޓީވީން ބުނެ އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު ތަސްދީގު ކުރިއަބުރުގެ ގާނޫނުގައި ވާގޮތުން މީހެއްގެ އަބުރަށް އަރައިގަތްކަން ސާބިތުވެއްޖެ ނަމަ އެ މީޑިއާއެއް ބައި ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި މައްސަލަ އިސްތިއުނާފު ކުރެވެނީ އެ ފައިސާ ދައްކާ ނިމުމުންނެވެ.
ނަމަވެސް ޔަޒީދު މި މައްސަަލަ ސިވިލް ކޯޓަށް ހުށަހެޅީ އަބުރުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރިންނެވެ. އެހެން ކަމުން މި މައްސަލައިގައި ދައުވާ ކުރަނީ އެ ގާނޫނުގެ ދަށަކުން ނޫނެވެ.