މިއަހަރުގެ އަރަފާތު ދުވަހަކީ މިމަހުގެ 11 ވަނަދުވަސް ކަމުގައި ސައުދީއަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައިފި އެވެ.
ސައުދީ ސަރުކާރުން މިގޮތަށް ހަމަޖެއްސީ މިއަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިނުވާތީ ކަމަށް އެގައުމުގެ މަތީ ޖުޑީޝަރީ ކައުންސިލުން ބުނެ އެވެ. އެހެން ކަމުން ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަހަކީ ސެޕްޓެމްބަރު ތިނެއްވާ ހޮނިހިރު ދުވަހެވެ. އަދި އަޟްހާ އީދުސަު ދުވަހަކީ މިމަހުގެ 12 ވާ ހޯމަ ދުވަހެވެ.
ސައުދީ ސަރުކާރުން މިގޮތަށް ނިންމުމުން ކުރިން އީދު ބަންދަށް ފަހު ރަސްމީ ދުވަހެއްގެ ގޮތުގައި އޮތް ބުރާސްފަތި ދުުވަހަކީ އީދުގެ ހަތަރުވަނަ ދުވަހަށްވީ އެވެ. ރައީސުލްޖުްމހޫރިއްޔާ ނިންމަވާފައިވަނީ ހައްޖު ދުވަހަކީ ހޮނިހިރު ދުވަހަށް ވެއްޖެ ނަމަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި އެވެ.
އެގޮތަށް ހަމަޖައްސަން ނިންމީ އީދު ދުވަހާ ގުޅިގެން ބަންދުވާ ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ބަންދު ލިބޭގޮތަށް ހެދުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މިމަހުގެ 18 ވާ އާދިއްތަ ދުވަހު އެވެ. ނަމަވެސް އީދުގެ ތިން ވަނަ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 14 ވަނަ ދުވަހު ބޭންކުތަކާއި އެމްއެމްއޭއިން ހިދުމަތް ދޭން ވަނީ ނިންމާފައި އެވެ.
މި އީދުގައިވެސް ނުވަ ދުވަސް ބަންދު ވާއިރު މިދިޔަ ފިތުރު ޢީދު ބަންދުގައި ވެސް ޗުއްޓީ ދުވަސްވަރާއި ހަފްތާ ބަންދާ ދެމެދުން ބުރާސްފަތި ދުވަހެއް ސަރުކާރު ހުޅުވާ ގޮތަށް އޮތުމުން ސަރުކާރުން ވަނީ އެ ދުވަސް ބަންދުކޮށް ޗުއްޓީގެ ގޮތުގައި ނުވަ ދުވަސް ހަމަޖައްސާފައި އެވެ.