ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރ، ކަޓްސުޔުކި ކަވާއި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރއަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ޖަޕާން ސަރުކާރުގެ ފަރާތުން ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.
”އަދި ރާއްޖެއާ ޖަޕާންއާ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރ މަޝްވަރާ ކުރެއްވިއެވެ.“ ރައީސް އޮފީހުން ހާމަކުރެ އެވެ.
ރައީސް އޮފީހުން ހާމަކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމްއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.