3 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވެލެންސިއާ އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު އެފްއޭ ކަޕްގެ ކުއާޓަރފައިނަލް މެޗުގައި އޭވައިއެލްއާއި ވާދަކޮށް ވެލެންސިއާ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 4 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ވެލެންސިއާއިންވަނީ ލީޑުނަގާފައެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ އަލީ ހަމްދާނެވެ. މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާގައި ނިމުނުއިރު މެޗުގެ ނަތީޖާ 2-0އަށް ބަދަލުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ވެލެންސިއާގެ ގޯލް ކާމިޔާބުކޮށްދިނީ މަމްދޫހުގެ ހުރަހަކުން މުޖުތާޒެވެ.
ވެލެންސިއާ ސެމީގައި ބައްދަލުކުރާނީ މިރޭ މާޒިޔާ އަދި ޓީސީ ސްޕޯރޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.