މާފުށި ޖަލަށް މާނާ ބޭސްތަކެއް އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފުށި ޖަލަށް މަނާ ބޭސްތަކެއް އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2016 އޮގަސްޓް 31 ވަނަ ދުވަހުގެ 16:30 ހާއިރު މާފުށި ޖަލު ކުރިމަތިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުން ބިއްމައްޗަށް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އެތަން ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ޓޭޕް އޮޅާފައިވާ އެއްޗެއްގެ ފެނިފައިވާ ކަމަށެވެ. އަދި އެ ނަގައި ބަލައިފާސްކުރިއިރު އޭގެތެރެއިން މަނާ ބޭސްތަކެއްކަމަށް ބެލެވޭ 92 ގުޅަ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ކުޑަކަމުދާ ތަކެތިނަގައި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ދެބާވަތަކަށް ޕްޒެޓިވްވެފައިވާ ކަމަށާއި އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފައާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 12 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށް ފުލުހުން ބުނެ އެވެ.