އިންތިޒާރު

ފުރަތަމަބައި

ގަޑިން ދަންވަރު އެކެއް ޖަހަނީ އެވެ. އެގާރަ ޖެހީއްސުރެ ޝާނީ މަސައްކަތް ކުރަމުން ދިޔައީ ނިދޭތޯއެވެ. ހިތަށް ވެރިވެފައިވާ އުދާސްކަމުގެ ބޮޑުކަމުން ނިދި ޝާނީ އާއި އަލްވަދާއު ކިޔާފައިވާކަހަލައެވެ. ދެލޯވަނީ ރޮއި ރޮއި ދުޅަވެފައެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އުއްމީދުގެ ބައްތީގެ ހުޅުކޮޅު ނިވިފައިވާ ކަހަލައެވެ.

އިރާކޮޅު ވެހެންފެށި ވާރޭ ތުނިކުރުމެއްނެތި ބޯކޮށްވެހެމުން ދިޔައެވެ. ފުރާޅުމައްޗަށް ވެހެމުންދިޔަ ބޯ ވާރޭއިން އުފައްދާފައިވާ ބާރު އަޑުނޫން އަޑެއް ކޮޓަރިތެރެއަކުން ނީވެއެވެ.

ޝާނީ ތެދުވިއެވެ. ފޮރޮޅި ފުރޮޅި ވަރުބަލިވެގެންނެވެ. ކުޑަދޮރުގައި ދަމާފައިވާ ފޮތިގަނޑު ކަހާލުމަށް ފަހު ބޭރުބަލާލިއެވެ. މަގުމަތީގައި އޮތީ ކޯރުކޯރަށް ފެން ހެދިފައެވެ. ޖެހެމުން ދިޔަ ބާރު ވަޔަށް ނަށަނަށާ، ގަސްތައްވެސް ވަރުބަލިވެފައި ވާކަހަލައެވެ. އިރުކޮޅަކުން ޝާނީގެ ނަޒަރު ހުއްޓުނީ، އޭނާ ވަރަށް ލޯބިން ބަލަހައްޓާ ފިނިފެންމާ ގަހަށެވެ. އެގަސްވެސް އޮތީ އަޅާފައިވާ ދެތިން ފިނިފެންމަލާއެކު ބިންމަތީގައެވެ. އެއަށް ހިފަހަށްޓާލެވޭ ވަރަށްވުރެ ވައިގަދަވުމުގެ ސަބަބުންނެވެ. މިހާރު ޝާނީގެ ހާލަކީވެސް އެއީއެވެ. ޝާނީގެ ހަޔާތްވެސް އެފަދަ ތޫފާނެއްގައި ބެހިގެން ދާކަހަލައެވެ.

ކުއްލިޔަކަށް ވަރަށް އަލި ގަދަކޮށް ވިދާލިއެވެ. މުޅި މާހައުލު ރަން ކުލައިން ބަބުޅާލިއެވެ. ވިދުވަރާއެކު ޖެހި ބާރު ގުގުރިން ޝާނީ ސިއްސައިގެންނެއް ނުދިޔައެވެ. އެފަދަ އެއްމެ ގުގުރިއަކަށް މިހާރު ޝާނީއެއް ނުސިހެ އެވެ. ހަޔާތުގެ މިހާތަނަށްއޭނާގެ ހިތުގައި އެފަދަ ކިތައްމެ ގުގުރިއެއް ޖަހައިފިއެވެ. އެހެން މީހަކަށް އަޑުނީވެނީއެވެ. ލައްކަ ހިތްދަތިކަންތަކާ އޭނާ ކެއްކޮށްފިއެވެ.

މިއަދު މިގޮތަށް ޝާނީ އިންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ޝާނީ ކުރަމުން އައި ފޮނި އުއްމީދުތައް މިއަދު ކޮބައިހެއްޔެވެ؟ މިއޮއް ފިނިރޭގެ އަރާމް ނިދިން އޭނާ މަހުރޫމްވެ އެގޮތައް އިންނަން އެޖެހުނީ ކީއްވެހެއްޔެވެ؟ ޔަގީނެވެ. މިއޮށް ބޮޑު ދުނިޔޭގައި ނިދި ގެއްލިފައި ހިތާމާގައި ޝާނީ ފަދަ އެތައްބަޔަކު ތިބޭނެއެވެ. މިއަދު ޝާނީއަށް މިހެން ދިމާވާން ޖެހުނީ ޝާނީގެ ކޮން ކުށެއް އޮވެގެން ކަމެއް ޝާނީއަކަށް ނުވިސްނެއެވެ.

ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމަށްފަހު ޝާނީ ދިޔައީ އެނދާއި ދިމާއަށެވެ. އެނދުގައި އިށީންދެ ފޯނު ނަގައިބަލާލިމެވެ. އެއިރު މެސެޖެއް އައިސްފައި އޮތެވެ. މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އޭގައި ލިޔެފައި ވެއެވެ. ”ޕްލީޒް ޑޯންޓް ލީވްމީ… އައި ލަވް ޔޫ “ މެސެޖު ކިޔާލުމާއެކު ޝާނީގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ހިނތުންވުން ފަނޑުވާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. މޫނުމައްޗަށް ހިތާމައިގެ ކުލަ ފެތުރިގެން ދިޔައެވެ. އިނގިލިތަކަށް ބާރުލާފައި ފޯނުގެ ފިއްތަކަށް އޮބާލުމާއެކު އެ މެސެޖު ޑިލީޓް ކޮށްލިއެވެ. އެއާއިއެކު ޝާނީގެ ލޯ މަޑުމަޑުން ފެންކަޅިވެގެން ދިޔައެވެ. އިސާހިތަކުގެ އެކަރުނައިގެ ސައިލު އޭނާގެ ކޯތާފަތާއި ހަމައަށް ދަތުރުކުރިއެވެ. އޭނާގެ ލޮލުގައި އޮހެން އަދިވެސް އިތުރަށް ކަރުނަ ހުރީކަން ނޭގެއެވެ.

އެއީ ހަމްޒާގެ މެސެޖެކެވެ. ހަމްޒާއަކީ އިއްޔެ އާއި ޖެހެންދެން ހަޔާތުގެ ބައިވެރިޔާއަށް ހަދަން އުޅުނު ޝާނީގެ ލޯބިވެރިޔާއެވެ. ޝާނީ ހަމްޒާދެކެ ލޯބިވެއެވެ. އަދި ހަމްޒާވެސް ޝާނީދެކެ ލޯބިވާކަން ޝާނީއަށްވެސް ގަބޫލުކުރެވެއެވެ. ނަމަވެސް ޝާނީ ހަމްޒާ އާއި ގުޅޭނީ ކިހިނެއްހެއްޔެވެ؟ ހަމްޒާއަށް ޝާނީ ދައްކާނީ ކޮންމޫނެއްހެއްޔެވެ؟ . މިއަދު ޝާނީގެ ސަބަބުން ހަމްޒާ އެވަނީ ބަދުނާމްވެފައެވެ. ޝާނީ ބަދުނާމު ކުރީ ޝާނީގެ އާއިލާއެވެ. މަންމަ މިއަދު ދުނިޔޭގައި ހުރިނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ. ބައްޕަވެސް މި އަނިޔާވެރި ދުނިޔެއަށް ދޮންމަންމައެއްގެ އަތްމައްޗަށް ޝާނީ ދޫކޮށްލާފައި ދިޔައީއެވެ. ބައްޕަ ޝާނީ އާއި މެދު ދެކުނު ހުވަފެންތައް އޭނާ ހަގީގަތަކަށް ހަދާނީ ކިހިނެއްހެއްޔެވެ.

ޝާނީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހަކާ ކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. އެކަމަކު ހަމްޒާ މިހާރު އެހެރީ ބަދަލުވެފައެވެ. އެކަމަކު އެކަން ޝާނީއަށް ގަބޫލުކުރެވުނަސް އެކަން ގަބޫލުކުރާ އެހެން މީހަކުނެތެވެ. ހަމްޒާއަކީ ޝާނީ އުއްމީދުކޮށްގެން ހުރިކަހަލަ އޯގާތެރި މީހެކެވެ. ޝާނީގެ އިހުސާސްތައް ދަންނަ ތަހުޒީބީ މީހެކެވެ. އެކަމަކު މިއަދު ހާލަތު ނިޔާވެފައިވާގޮތުން ޝަނީއަކަށް ހަމްޒާއާއި ކައިވެނި ކުރެވޭކަށް ނޯންނާނެއެވެ.

ހަމްޒާ ފުރަތަމަ ފެނުނު ދުވަހުވެސް ޝާނީއަށް ހަމްޒާ ކަމުދިޔައެވެ. އެއީ އޭނާ އަމިއްލަމީހެއްގެ ވަޒީފައިގައި މަސައްކަތް ކުރިއިރުއެވެ. އޭނާގެ ވަޒީފާގެއެއްމެ ފަހު މަހުގެ މުސާރަ ދަތުރެއްގައި ޝާނީ ބެންކަށް ދިޔަދުވަހެކެވެ. ކިޔު ނަމްބަރު ތަރުތީބުން ނަމްބަރަކަށްފަހު ނަމްބަރެއް އަރަމުން ދިޔައެވެ. ޝާނީއަށް ނެގުނު ނަމްރުގެ އިތުރަށް ސަތޭކަ ފަސްދޮޅަސް ހަމީހުން ތިއްބެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝާނީ ނަމްބަރުގެ އިންތިޒާރުގައި ގޮނޑިބަރީގައި އިށީނެވެ. އެވަގުތު، ޖެހިގެން އިން މީހާ ޝާނީއަށް ނަމްބަރު ކަރުދާސްކޮޅެއް ދިއްކޮށްލިއެވެ. ހައިރާންވެފައި ޝާނީ އަށް ބަލާލެވުނީ އޭނާގެ މޫނަށެވެ. އެހިނދު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. އޭނާ ހިނިތުންވެލިއެވެ. އެއީ ކޮނޑާއި ހަމަޔަށް ކޮށާލާފައިވާ އިސްތަށިގަނޑެއްގެ ވެރިޔެކެވެ. ތުނބުޅު މަތިމަސް ބޭލުމަށް އޭނާ ފަރުވާލެއް ނުބަހައްޓާކަހަލައެވެ. ފިރިހެން ވަންތަ ހިނިތުންވުމެކެވެ.

”ދެން ޖެހޭނީ މިނަމްބަރު….“ އޭނާ ބުންޏެވެ. ތެދެކެވެ. ކުރިޔަށް އޮތީ އެނަމްބަރެވެ. ޖެހިލުން ކަނޑާލާފައި އަވަސް އަވަހަށް ޝާނީ ނަމްބަރުގައި ހިފިއެވެ.

“ އެކަމަކު ހިލެއަކު ނޫން އިނގޭ..“ އޭނާ ސަމާސާ ރާގެއްގައި ބުންޏެވެ. “ ނަމްބަރަކަށް ނަމްބަރެއް އަހަންނަށް ދޭންވާނެ…“

ޝާނީ އޭނާގެ އަތުގައި އޮތް ނަމްބަރު އޭނާއަށް ދައްކާލިއެވެ. “ މިނަމްބަރ ޖެހޭނީ ވަރަށް ލަހުން..“ ޝާނީ ބުންޏެވެ.

“ ކާކު ބުނީ ތިނަމްބަރޭ…“ އޭނާ ބުންޏެވެ. “ އަހަރެން ބޭނުންވެގެން މިއުޅެނީ ގުޅޭނެ ނަމްބަރެއް..“

އޭނާ އެބުނި އެއްޗެއްގެ މާނަ ޝާނީ އަށް ވަރަށް ރަނގަޅަށް ވިސްނުނެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އެ ނަމްބަރު ކަރުދާސްކޮޅިގައި އޮތީ ޝާނީގެ އަތުގައެވެ. އެ ނަމްބަރު އަނބުރާ ދޭކަށް ޝާނީ ބޭނުމެެއްނުވިއެވެެ. އެއްވެސް ފިކުރަކާނުލާ ޝާނީ އޭނާގެ މޯބައިލް ނަމްބަރު މި ނުދަންނަ ނަމަވެސް ދެކޭހިތްވާ މިހާއަށް ދިނެވެ.

ކަތިވަޅިން ޖަހާ ދަރުގަނޑު ބުރިކޮށްލުމަށްފަހު ރޯކޮށްފައިވާ އުނދުނުގައި، ހަސީނާ ދަރުގަނޑު ޖައްސާލިއެވެ. ގޭގެ ގޭސްފުޅި ހުސްވުމުން ގޯތިތެރޭގައި ހަދަފައިވާ ދަރު އުނދުނެއްގައި ބަތްތަވާ ހިންދަމުން ދިޔައިރު ހަސީނާ މުޅިން ވަނީ ދާހިއްލާ ތެމި ފޯވެފައެވެ. އުމުރުން އެންމެ 9 އަހަރުގެ ފާއިގު ފޭރާ ދަށުގައި އޮތް ދެތިން ކާށި އެހުމަށްޓަކައި މަސައްކަތް ކުރަމުންދިޔައެވެ. އެވަގުތު ޝާނީ އައިސް ގޯތިތެރެއަށްވަނެވެ. އޮފީހުން ވަކިވުމަށްފަހު ޝާނީ ކުރާ މަސައްކަތަކީ ކުދިންނަށް ޓިއުޝަން ދިނުމެވެ. ފައިދާއެއް ނުވާ މަސައްކަތަކަސް ކޮންމެސް ވަރެއްގެ އާމްދަނީއެއް އެމަސައްކަތުން ޝާނީއަށް ލިބެއެވެ.

“ މިއަދުވެސް ކެކޭހާ އިރުކޮށްފައި ކާންދޯ ތިއައީ… “ ޝާނީ ގޯތިތެރެއަށް ވަތްތަން ފެނުމުން ހަސީނާ ނުރުހިފައި ހުރި ރާގަކަށް ބުންޏެވެ. “ މިއަދު ގޭސްފުޅިވެސް އެ ހުސްވީ… ކަލޭ އަންނަންވާއިރަށް ޖެހޭނެ ލޯ ބޯ ފިއްސައިގެންވެސް ކާއެއްޗެއް ހަދަން…“

ހަސީނާ މި ޖުމްލަތަކުން ޝާނީ ގެ ހިތަށް މާ ބޮޑު އަސަރުތަކެއް ކުރިހެނެއް ހީއެއްނުވެއެވެ. މިފަދަ ޖުމްލަ ތަކަކީ ޝާނީއަށް އާ ޖުމްލަ ތަކެއްނޫނެވެ. ޝާނީ ވިހެއުމުގެ ތެރޭގައި ޝާނީގެ މަންމަ މި ދުނިޔެ ވަނީ ދޫކޮށްފައެވެ. އެއަށްފަހު ޝާނީ އުޅުނީ ބައްޕަޔާ ދޮންމަންމަ އާއި އެކުގައެވެ. ޝާނީ ކިޔަވާވެސް ނުނިމެނީސް ޝަނީގެ ބައްޕަ މި ދުނިޔެ ދޫކޮށްވަނީ ގޮސްފައެވެ. ބައްޕަގެ ދުނިޔޭގައި ޝާނީގެ ދޮންމަންމަ ހަސީނާ ޝާނީއަށް ވަރަށް އޯގާތެރިއެވެ. އެދެމަފިރިންގެ އިތުރު ދަރިޔަކު ނެތުމާއެކު ހަސީނާވެސް ޝާނި ބެލީ އަމިއްލަ ދަރިއެއްގެފަދައިންނެވެ.

ފިރާގު މިދުނިޔެ ދޫކުރީ ހަސީނާގެ ބަނޑަށް ހަތަރުމަހުގައެވެ. އޭރު ޝާނީ ކިޔަވަމުން ދިޔައީ ގުރޭޑް 10 ގައެވެ. ހަސީނާގެ ފުރަތަމަ ދަރި ފާއިގު ދުނިޔެއަށް އުފަންވީއްސުރެ ޝާނީ އާއި މެދު ދެކެމުން އައިގޮތް ހަސީނާގެ ވަނީ ބަދަލުވެފައެވެ. ދެކުދިންގެ މެދުގައި ތަފާތުކުރުން ވަނީ އިންތިހާއަށް ގިސްފައެވެ. ގޭގޭ ދަށު ކުނިކަހައިގެން ހަސީނާ ހޮދާ ލާރިކޮޅުން ގޭގޭ ހަރަދާއި ދެކުދިންގެ ކިޔެވުމުގެ ހަރަދު ހަސީނާއަށް ވަނީ ނުބެލިހެއްޓިފައެވެ. އެހެންވެ ގުރޭޑް ދިހައެއްވެސް ނުނިމެނީސް ޝާނީ ވަނީ ސުކޫލުން ކެނޑި އަމިއްލަ އޮފީހަކަށް ވަޒީފާގެ މައިދާނަށް ނިކުމެފައެވެ.

ހަސީނާ ދެވަނަ ކައިވެންޏެއް ކުރުމަކުން ޝާނީ ކުރަންޖެހޭ މަސައްކަތަކަށް އިތުރު ލުޔެއް ނުލިބުނެވެ. ހާލިދަކީ މަސްވެރިކަން ކުރާމީހަކަށް ވިޔަސް މަސްވެރިކަން ކުރާދޯނި ކުޑަވުމުގެ ސަބަބުން އެއިން އެދެވޭ ފައިދާއެއް ހާލިދަކަށްވެސް ނުލިބެއެވެ. ނަމަވެސް ޝާނީ ކުރިން މަސައްކަތް ކުރި އޮފީސް އުވާލުމާއި ގުޅިގެން ޝާނީގެ ވަޒީފާވަނީ ގެއްލިފައެވެ. ޝާނީ ވަޒީފާއިން ވަކިވިފަހުން ހަސީނާގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މިހާރު ޝާނީ ކޮށްދިން އެއްވެސް ކަމެއް ހަސީނާއަކަށް ނެތެވެ.

“ ފާއިގު…. ދޭބަލަ ގޭސްފުޅިއެއް ހިފައިގެން އަންނަން…“ ދަބަހުން ނެގި ދުވިސައްތައެއްހާ ރުފިޔާ ފާއިގުގެ އަތައް ދިއްކޮށްލަމުން ޝާނި ބުންޏެވެ. ”ބާކީ ލާރިން ފިޔާކިލޯއެއް ގެންނައްޗޭ“

ފާއިގަކީ އުމުރުން ކިތައްމެ ހަގު ކުއްޖަކަށްވިޔަސް އެފަދަ މަސައްކަތަކީ ފާއިގަށްވެސް އާ މަސައްކަތެއްނޫނެވެ. އޭނާ ތަރުބިއްޔަތު ވެފައިވަނީ އެފަދަ މާހައުލެއްގައެވެ. ފިރާގު މަހުން އައީމައި މަސްކަނޑައެވެ. ހަސީނާ ވަލުން ހޯދާ ކާށިތައް ހެހެ ގޯންޏަށް އަޅާދެއެވެ.

ފޭރާއަށް ޖަހާފައިވާ ކާށި ހުރިގޮތައްބެހެއްޓުމަށްފަހު ފާއިގު އެރުފިޔާގައި ހިފިއެވެ. އަދި ބަދިގޭގެ އަސްކެނި ދޮށުގައި ބަހައްޓާފައިވާ ބަރޯ އަށްހުސްގޭސްފުޅި ލައިގެން ބަރޯ ދުއްވާލިއެވެ. ފާއިގު ދިޔުމުން ޝާނީ ފާއިގު ހެހެފައިވާ ކާށިތައް ހިފައިގެން ބަދިގެޔާއި ދިމާއަށް ހިނގައިގަތެވެ. ކާށިތައް ބެހެއްޓުމަށްފަހު ތަރުމޯޒުން ކަޅު ސައިތައްޓެއް ޖޯޑަކަށް އެޅުމަށްފަހު ޝާނީ ކާމޭޒު ދޮށުގައި އިށީނެވެ.

”ޝާނީ ވެސް ދެން މިހަކާ އިންނަންވީއޭ…. ތިކުރާ މަސައްކަތަކުން ފައިދާއެއްވަނީކިނޫން.. “ ޝާނީ ސައިތަށި ތުންޖެހިތަނާ ބަދިގޭގެ ދޮރުމައްޗަށް ހުއްޓި ހަސީނާ ބުންޏެވެ. “ އަނެއްކޮޅުން މީހުނާ އިންނަ އުމުރަށް ދިޔައީމަ އެވީ ދެން މީހަކާ އިންނަން..“

 (ނުނިމޭ)

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ފިރާގު މަހުން އައީމައި މަސްކަނޑައެވެ. މިޖުމުލައިގައި ފިރާގުގެ ބަދަލުގައި އިންނާނީ ހާލިދެއްނޫންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *