މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުން ވަމުންދަނީ އައްޑޫ ސިޓީއަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖަރު ހިސާން ހަސަން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގަ ގެއްލުން ލިބެމުންދާ ކަމުގެ ރިޕޯޓުތައް އެންމެ ގިނައިން ކުރަނީ އައްޑޫ ސިޓީގެ ރަށްތަކުން ކަމަށެވެ. އޭނާ ވިދާޅުވީ ހުއްޓުމެއްނެތި ވާރޭ ވެހެމުންދާތީ އެ ސީޓީގެ ހުރިހާ ރަށެއްގެ އެކި ސަރަހައްދުތަކުގަައި ފެން ބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާ ކަމަށެވެ.
ފެން ވަދެފައިވާ ހުރިޙާ ގެއެއްގެ އިލެކްޓްރޯނިކް ސާމާނުތަކަށާއި ފަރުނީޗަރަށް ގެއްލުންވަމުންދާކަމުގެ ރިޕޯޓު ޑިޒާސްޓާއަށް ދަނީ ކުރަމުންނެވެ. ހިސާން ވިދާޅުވީ ދެން އެންމެ ބޮޑަށް ފެން ބޮޑުވުން ގެއްލުވެގެން ރިޕޯޓުކޮށްފައިވަނީ ލ. އަތޮޅުގެ ރަށްތަކުން ކަމަށެވެ.
”ޑިޒާސްޓާއިން މިދަނީ ރަށްރަށަށް ގުޅައިގެން ވިއްސާރައިގަ ލިބެމުންދާ ގެއްލުންތައް ބަލަމުން، ރަށްރަށުންވެސް ރިޕޯޓު ކުރޭ. އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް، ހާއްސަކޮށް އައްޑޫ ސިޓީއަށް. އެ ސިޓީގައި ފެން ވަތް ހުރިހާ ގެއެއްގެ ކަރަންޓު ސާމާނުގެ އިތުރުން ފަރުނީޗަރަށް ވަނީ ގެއްލުން ލިބިފަ. އެ ގެއްލުންތައް ބަލާ ދިރާސާ ކުރާނަން،“ ހިސާން ވިދާޅުވި އެވެ.
ފެން ބޮޑުވުމުގެ ސަބަބުން ލ. އަތޮޅުން އެންމެ ބޮޑަށް ގެއްލުން ވަމުންދަނީ ކުނަހަންދޫ، މާވަށް އަދި މާމެންދޫ އަށެވެ. މީގެ އިތުރުން ގދ ތިނަދޫ އާއި، ގއ ވިލިނގިލި އަދި ފުވައްމުލަކުގައި ފެންބޮޑު ގެއްލުންތައް ލިބެމުން އެބަދެ އެވެ.
ހިސާން ވިދާޅުވީ ލިބެމުންދާ ގެއްލުންތަށް ދިރާސާ ކުރުމަށް ފަހު ބަދަލު ދޭން ޖެހޭނަމަ ދޭނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. މިހާރުވެސް ދެކުނުގެ އަތޮޅުތަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.