މަސައްކަތް ކުރަން އަންނަ ބިދޭސީންނާއި މެދު ބައެއް ދިވެހިން ކަންތައް ކުރަނީ ރަނގަޅަކަށް ނޫން

ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ބަލާލިޔަސް، ކާއްސަކޮށް މާލޭގައި، ގިނައިން ފެންނަނީ އެކިއެކި މަސައްކަތް ކުރުމުގައި ބިދޭސީއަކު ނުވަތަ އާއްމުކޮށް ކިޔާނަމަ ”ބޮންދެއް“ ވަރަށް ބުރަކޮށް އުޅޭތަނެވެ. ފެން އުފުލުމާއި، ގޭގޭ ކުނި އުކާލުމާއި، އިމާރާތް ތަކުގެ މަސައްކަތް ކުރުން ފަދަ ބައިވަރު ކަންތައްތައް ކުރާތަން މަގުމަތީގައި ހިނގާލިޔަސް ފެނެއެވެ.

ބޭރު ޤައުމުތަކުން މިހެން އަންނަ ބިދޭސީން މަސައްކަތް ކުރާތަން ފެންނަނީ ހަމައެކަނި މަގުމަތިން އެކަންޏެއް ނޫނެވެ. ގޭގެއަށް މަސައްކަތު މީހުންގެ ގޮތުގައި ވެސް އަދި ހޮޓާ ތަކާއި ރެސްޓޯރަންޓު ތަކުގައި ވެސް މަސައްކަތް ކުރާ ބިދޭސީން ވަރަށް ގިނައެވެ. ތެދައް ބުނަންޏާ ދިވެހިން އާއްމުކޮށް މިކުރާ ކުދިކުދި މަސައްކަތްތަށް ކޮށްލުމަށް ވެސް ބިދޭސީންގެ އެހީ ހޯދައެވެ. އެހާވެސް ބޮޑަށް ދިވެހިން ތިބެނީ ބިދޭސީންގެ އެހީ ބޭނުންވެ އެމީހުންނަށް ބަރޯސާވެވިފައެވެ.

ނަމަވެސް ހިތާމައަކީ، މިފަދަ ގޮތަކަށް އަމިއްލަ ހާލަތު ހުރި އިރު ވެސް، ބައެއް ބީދޭސީންނާއި ދޭތެރޭ ބައެއް ދިވެހިން ވަރަށް ވެސް އިހާނެތިކޮށް ކަންތައް ކުރާކަމެވެ. އެމީހުންނާއި ދިމާލަށް އިހާނެތި ބަސްތައް ބުނުމުގެ އިތުރުން އޭގެން މީހަކު ފެނުނީމަ މޫނަށް ގެންނަ ބަދަލު ތަކުން، ބައެއް ދިވެހިންނަކީ ވަރަށް ”ފޮނި“ ބައެއްކަން ހާމަވެއެވެ.

އެގޮތުން އެއް ބިދޭސީއަކު ކިޔާދިން ވާހަކައެކެވެ. ވިލިމާލެއިން މާލެއަށް އޭނާ ދިޔައީ އޭނާގެ ”ބޮޑު މީހާ“ ބުނެގެން ސައިކަލެއްގެ ތަޅުދަނޑި ދޭންށެވެ. ފެރީ އަށް އަރާ އިށީނީ ދެވަނަ ގޮނޑިބަރީގެ ކުޑަދޮރާ ވީ ފަޅީގައެވެ. އެހެން އިންދާ ބައިވަރު މީހުން ފެރީއަށް އެރިއެވެ. އަދި ބައެއް މީހުން އޭނާ އާއި ދިމާލަށް ބަލާލާފައި ނުރުހުމުގެ ގޮތެއް މޫނަށް ހަދާލާފައި ގޮސް އިށީންކަން އޭނާ ފާހަގަ ކުރިއެވެ. އޭނާ އަށް ފާހަގަވީ އަނެއް ކަމަކީ އެމީހުން ފެރީގައި އިށިން އިރު އެކަކު އަނެކަކު ގައިގާ ޖެހި ފިތި ބާރު ވެގެން އިންނަން ޖެހުން ކަމުގައި ވިޔަސް، އޭނާ ކައިރީގައި އެކަކު ވެސް އިށީންނަން ބޭނުން ނުވި ކަމެވެ. އެހެން އިންދާ ފެރީ ނައްޓާލަން ކައިރި ވެފައި ހުއްޓާ އަންހެނެއް އެނާގެ އެހެން ތިން ރައްޓެއްސަކާއި އެކު ފެރީ އަށް އެރިއެވެ. އެހަތަރު އަންހެނުން ވެސް ފުރަތަމަ ބެލީ އިށީންނާނެ އެހެން ތަނެއް އިންތޯ އެވެ. ނަމަވެސް އެހެން ތަނެއް ނެތުމުން ނޫނީ ފެރީ ނައްޓާލަން ކައިރިވެފަ ހުރީތީ އެމީހުން އިށީނީ އޭނާވެސް އިން ގޮނޑި ބަރީގައެވެ. އެއިރު  ވެސް އޭނާ އާ ކައިރީގަ ނުއިށީންދެ ވޭތޯ އެމީހުން ވަރަށް ބެލިއެވެ. އެހެން އުޅުމުގެ ތެރޭގައި އެތަނުން އޭނާ ކައިރީގައި އިށީން މީހާ، އިށީންނަނިކޮށް އޭނާގެ ކަކުލުގައި ޖެހުނެވެ. ހަމަ ޖެހުމާ އެކު ”އައްޗީޑި“ އޭކިޔާފައި އެއްޗެހި ގޮވަން ފެށިއެވެ. ކައިރީގަ މީހަކު އިށީންނަ އިރު ދުރައްޖެހޭކަށް ނޭގޭހޭ ހަމަ ގައިގަ ޖެހޭ ހިތުންނޭ ބުނި އިރު އޭނާއަށް ދެން އިތުރަށް އެތަނުގައި ޖެހޭކަށް ތަނެއް ނެތްކަން  އަންހެން މީހާ އަށް ވެސް އެނގޭނެ އެވެ. އޭނާ އެންމެ ދެރަވީ، އޭނާގެ ކަކުލުގައި ޖެހުނީތީ ދެން ތިމަންނަގެ ފައިން ނުބައި ވަސް ދުވާނޭ ބުނުމުންނެވެ. ވީދެރައިން އެއްޗެއް ނުބުނެ އޭނާ އެތަނުން ތެދުވެގެން ފެރީގެ ފަހަތަށް ގޮސް ކޮޅަށް ހުއްޓެވެ. ނަމަވެސް އޭނާގެ ހާލަތަށް ހަމްދަރުދީވި މީހެއް ހުރިހެން ހިއެއް ނުވިއެވެ.

މިއީ މިހެން ދިމާވި އެންމެ ހާދިސާ އެއްގެ ވާހަކައެވެ. މިހެން ގޮސް ބައިވަރު މިކަހަލަ ހާދިސާތަށް ފެނިފައި އެބަ ހުއްޓެވެ. ރެސްޓޯރެންޓެއް ގައި ވެސް ވެއިޓަރަކަށް އަންނަ ބިދޭސީ މީހާ އާއި ހަރުކަށިކޮށް ވާހަކަ ދައްކާ އަމުރު ކުރުމާ، މީހުން ކުރިމަތީގައި އެއްޗެހި ކިޔާ މަންޒަރު ފެނި އަޑު ވެސް އިވެއެވެ. އަދި ގޭގެއަށް މަސައްކަތް ކުރަން ގެންނަ ބޭރުމީހުންނާއި ދިމާލަށް އެއްޗެހި ކިޔާ، އެމީހުންނަކީ އެފަދަ ދިވެހީންގެ ”އަޅުން“ ތަކެއް ކަމުގެ އިޙްސާސް އެމީހުންނަށް ކުރުވައެވެ.

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ގިނަ ބިދޭސީންނަކީ، އެމީހުންގެ ޤައުމުގައި ވަޒީފާއެއް ލިބުމުގެ ދަތިކަން ކުރިމަތި ވެގެން، އެމީހުންގެ އަނބިދަރީންނާއި އާއިލާ ބެލުމަށް ފައިސާ ހޯދުމަށްޓަކައި މަޖުބޫރީ ހާލަތެއް ދިމާވެގެން އަންނަ މީހުންނެވެ. އާއިލާ އާއި އަމިއްލަ ވަޒަން ދޫކޮށްލާފައި ދިވެހި ރާއްޖެ އަށް އައުމުން، އެމީހުންނާއި މެދު މިފަދަ ގޮތް ގޮތަށް ކަންތައް ކުރުމަކީ ވަރަށް ވެސް ހިތްދަތި އަދި ލަދުވެތި ކަމެކެވެ. މިފަދަ ނޭދެވޭ އަޚްލާޤެއް ބައެއް ދިވެހީންގެ ކިބައިގާ ހުރުމަކީ މުޅި ދިވެހި ރާއްޖެއަށް ވެސް ލިބޭ ލަދުވެތި ކަމެކެވެ. ކޮންމެ މީހަކީވެސް، އެމީހަކު ކޮންމެ ކަހަލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، އިޚްތިރާމް ކުރަން ޖެހޭނެ ބައެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *