ކޮންމެ އަހަރެއްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކޮށް ނެރެމުން އަންނަ ޤައުމީ ދުވަހުގެ ލަވަ ސީޑީ މިއަދު ނެރެފިއެވެ.
އެމްއެންޑިއެފުން ބުނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ނެރެފައިވާ މިފަހަރުގެ ލަވަ ސީޑީގައި ހިމެނެނީ އަމިއްލަ ރާގުގެ ހަ ލަވަ ކަމަށެވެ. މި ލަވަތަކުގެ ޅެންތައް ހައްދަވާފައި ވަނީ އަލްމަރުޙޫމް މޫސާ ފަތުޙީ އާއި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިނާއި އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމާއި މޭޖަރ ޙުސައިން ޢަލީ އާއި އަލްފާޝިލް ޖަޢުފަރު ޢަބްދުއްރަހުމާނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
1436 ވަނަ އަހަރުގެ ޤައުމީ ލަވަ ސީޑީގައި ހިމެނޭ ލަވަތައް ކޮމްޕޯޒްކޮށް މިއުޒިކާއި ރާގު ހައްދަވާފައި ވަނީ މޭޖަރ ޢަލީ މަނިކާއި އަލްފާޟިލް އިބްރާހީމް މޫސާ ފިކުރީ އާއި ސްޓާފް ސަރޖަންޓް ޔޫސުފް ޝިމާޒާއި ސަރޖަންޓް ޢަބްދުﷲ އިލްހާމް އިބްރާހީމާއި ލާންސް ކޯޕްރަލް ފަތުޙުﷲ ޝަކީލް ޙުސައިން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑިއެފުން އިތުރަށް ބުނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ސިފައިންގެ ލަވަ ކިއުންތެރިންގެ އަޑުން ރެކޯޑް ކޮށްފައިވާ މި ލަވަ ސީޑީގައި ހިމެނޭ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުގެ ޑައުންލޯޑް ބައިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
2002 ވަނަ އަހަރުން ފެށިގެން ނެރެވެމުން އަންނަ ޤައުމީ ލަވަ ސީޑީގެ 14 އަލްބަމެއް މިހާތަނަށް ނެރެވިފައިވާއިރު މި އަލްބަމް ތަކުގައި ޖުމުލަ 96 ޤައުމީ ލަވަ ވަނީ ނެރެފައެވެ. މީގެ ތެރޭގައި 93 އަމިއްލަ ރާގުވެސް ހިމެނެއެވެ.