ވަރަށް ގާތް މީހެކެވެ. މާލޭގައި ތިން ކުދިންނާއި އަނބިމީހާ ގޮވައިގެން ސިވިލް ސާވިސް ވަޒީފާއެއް އަދާ ކުރާ އަހުމަދު އަލީ (އަސްލު ނަމެއް ނޫން) އަކީ އެކަށީގެންވާ ރަނގަޅު އާމްދަނީ އެއް އެހެން މަސައްކަތްތައް ކޮށްގެންވެސް ހޯދާ މީހެކެވެ. ރަށުގައި ވަޒީފާ އަދާ ނުކުރެވިގެން މާލެ ބަދަލުވާން ޖެހުނީ ކިޔަވައިގެން ހުރި ދާއިރާއިން ރަށުގައި އޮތީ އެންމެ ވަޒީއެއް ކަމުން އޭރު ވަޒީފާ ނުލިބިގެންނެވެ.
މާލޭގައި ދަރިންކޮޅާއި އަނބީމީހާ ގޮވައިގެން އަހުމަދު އުޅެން ފެށި ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދަނީ ފްލެޓެއް ނުވަތަ ގޯއްޗެއް ގަންނަން ލިބޭތޯ އެވެ. މާލެއިން ފްލެޓެއް ހޯދަން ރަޖިސްޓްރީ ދަފްތަރަށް ބަދަލު ކުރި އެވެ.
މާލެއިން ބިންކޮޅެއް ގަތުމަކީ ރަނގަޅު އާމްދަނީ އެއް ލިބޭ މީހަކަށް އަދި ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެހެންވެ އޭނާ ވިސްނުން ބެހެއްޓީ ސަރުކާރުން އަޅައިދޭ ފްލެޓެއް ހޯދުމަށް ނުވަތަ ހުޅުމާލެއިން ގޯތި ދޫކުރަން ފެށުމުން އަގު ބޮޑަސް އެތަނުން ގޯއްޗެއް ގަންނާށެވެ.
”ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ އާންމުންނަށް ގޯތި ދޫކުރާނެކަން ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރެއްވި ދުވަހުން ފެށިގެން އަހަރެން މި ހުންނަނީ އެ ދުވަހަކަށް އިންތިޒާރުކޮށްގެން. އެނގޭ އަގުހެޔޮކޮށް މާލެ ސަރަރަހައްދުން ގޯއްޗެއް ގަންނަން ނުލިބޭނެކަން. އަތުގައި ހުރި ހުރިހާ ފައިސާއެއް ހަރަދުކޮށްގެން އަގުބޮޑު ކޮށްވިޔަސް ގަންނަން ނިންމައިގެން ހުރީ، އެގޮތަށް އަތުގައި ހުރި ހުރިހާ ފައިސާއެއް ހަރަދުކޮށްގެން ގޯއްޗެއް ލިބިގެން އުޅެން ފެށުނީމަ ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަން މިޖެހޭ 15،000 ދެއްކުމުން އުމުރަށް ސަލާމަތްވީތާ،“ ސަރުކާރުން އިއުލާނުކޮށްފައިވާ ސޯޝަލް ހައުސިންގ ސްކީމްގެ ފްލެޓަށްވެސް ފޯމް ހުށަހަޅާފައިވާ އަހުމަދު ބުންޏެވެ.
މިއަދު މިވަނީ އޭނާ އިންތިޒާރު ކުރަމުން އައި ދުވަސް ޖެހިފައި އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ގަންނަން ބޭނުންވާ ފަރާތްކަކަށް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެކަމަކު މިއަދު އޭނާ ކުރިން ދެއްކި ވާހަކަ ބަދަލުކޮށް އެ ހުވަފެން ހަގީގަތަކަށް ނުވާނެކަން ހިތާއި ދެކޮޅަށް ގަބޫލުކޮށްގެން އެހެން ގޮތަކަށް ވިސްނަން ފަށައިފި އެވެ. އޭނާ ބުނީ ކިތަންމެ ބޮޑު އަގުގައި ގޯތި ގަންނަ ނިންމައިގެން ހުއްޓަސް އެތަނުން ގޯއްޗެއް އާދައިގެ ދިވެހި ރައްޔިތަކަށް ނުލިބޭނެކަން ޔަގީން ވެއްޖެ ކަމަށެވެ.
ގޯތި ގަތުމަށް ހުޅުވާލުމާއި އެކު މައުލޫމާތު ސާފު ކުރުމަށް އެޗްޑީސީގައި މަސައްކަތް ކުރާ ގާތް އެކުވެރި އަކަށް މައުލޫމާތު ސާފުކޮށްލުމަށް އަހުމަދު ގުޅި އެވެ. އެކަމަކު އަހުމަދަށް އޭނާ ވިސްނައިދިނީ އެ ހިޔާލު ދޫކޮށްލުމަށް ކަމަށް އަހުމަދު ބުންޏެވެ. އަހުމަދު ބުނީ އެޗްޑީސީން ތެރޭން ލިބިފައިވާ މައުލޫމާތަށް ބަލައި އެކުވެރިޔާ ބުނީ އާދައިގެ ދިވެހި ރައްޔިތަކު ކިތަންމެ މަތީ އަގެއް ހުށަހެޅިޔަސް ނުގަނެވޭހާ މަތީ އަގުތަކެއްގައި އެ ގޯތިތަށް ވިއްކުމުގެ ހިޔާލު އެޗްޑީސީން ގެންގުޅޭ ކަމަށެވެ.
”އެކުވެރިޔާ ބުނީ އަހަރެން ކަހަލަ ކިތަންމެ ބަޔަކު ހުށަހަޅާނޭ ގޯތި ގަންނަން. އެކަމަކު އެއަށްވުރެ ދެގުނަ ތިން ގުނަ މަތީ އަގުގައޭ އެ ގޯތިތަށް ވިއްކާނީ. ބީލަމުގެ އުސޫލުން ވިއްކާ ގޯތި ވީމަ އާދައިގެ ދިވެހި ރައްޔިތަކު ހުށަހަޅާ އަގަށްވުރެ މާމަތިން އަގު ހުށަހެޅޭނެ ދިވެހިން އެބަ ތިބިކަމަށް އޭނާ ބުނި. އަދި ބުނީ އެޗްޑީސީގެ ވިސްނުންވެސް ހުރީ އެގޮތަށޭ،“ އަހުމަދު ދުވަހަށް ބުންޏެވެ.
އެތަނުން ލިބުނު މައުލޫމާތަށް ބަލައި އަހުމަދު ބުނީ ގޯތި ގަތުމަށްވުރެ އެއްފަހަރާ ފައިސާ ދައްކައިގެން ހުޅުމާލޭގައި އަމިއްލަ ފަރާތްކުން ހަދައިގެން ވިއްކާ ފްލެޓެއް ގަތުންވެސް މިހާރު ރަނގަޅުކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް އުންމީދު ކުރީ ސަރުކާރުން ވިއްކާ ގޯއްޗަށްވާތީ އާދައިގެ ރައްޔިތަކަށްވެސް ގަނެވޭނެ ފެންވަރު އެ ގޯތިތަކުގައި ހުންނާނެ ކަމަށް ކަމަށް އަހުމަދު ބުންޏެވެ.
އަހުމަދު ނޫނަސް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަތުމާއި ގުޅޭގޮތުން ވާހަކަ ދެއްކި ކޮންމެ ރައްޔިތަކުވެސް ބުނީ އެ ބިންތައް ގަނެވޭނީ ރާއްޖޭގައި އުޅޭ މުއްސަނދިންނަށް ކަމަށެވެ.
އެޗްޑީސީގެ ވިސްނުން ހުރީ އާންމުންނަށް އެ ގޯތިތައް ނުވިއްކާކަށް ނޫނޭނެވެ. އާދައިގެ މީހުން ހުށަހަޅާ އަގަށްވުރެ އެތަށް ގުނައެއް ހުށަހެޅޭ ފެންވަރުގެ މުއްސަނދިން ދިވެހިންގެ ތެރޭގައި އެބަތިއްބެވެ. އެޗްޑީސީން އެ ބިންތައް ވިއްކަނީ ބީލަމުގެ އުސޫލުން ކަމަށްވާތީ އެ ގޯތިތައް ލިބޭނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވަނީ 1000 އަކަފޫޓުގެ ބިމާއި 1800 އަކަފޫގެ 76 ބިމެވެ. އަކަފޫޓެއް ވިއްކަނީ 3000ރ. އަށެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ވެރި ރަށާއި ވެރިރަށް ކައިރި ސަރަހައްދުތަކުން ވިއްކާ ބިމުގެ އަގު ބޮޑުވާނެ ކަމަށެވެ.
ވަރަށް ބޮޑު ތެދެކެވެ. ނަމަވެސް ބޭރު ގައުމުތަކާއި އަޅާ ކިޔާއިރު ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އަސާސީ ހިދުމަތް ހޯދަން އުޅެންޖެހޭ ގޮތް ވަރަށް ތަފާތެވެ. މިސާލަކަށް ނެންގެވި ބޭރު ގައުމުތަކުގައި ރަނގަޅު ތައުލީމާއި ފުރިހަމަ ބޭސްފަރުވާގެ ހިދުމަތް ހޯދަން ކޮންމެ ފަހަރަކު ވެރި ރަށަށް ދާކަށް ނުޖެހޭނެ އެވެ.
ރަނގަޅު ބޭސްފަރުވާ އާއި ތައުލީމު ހޯދަން ބޭނުން ނަމަ އަތޮޅުތެރޭ ރައްޔިތުން އަދިވެސް ޖެހެނީ މާލެއަށް އަންނާށެވެ. އަތޮޅު ތެރޭގެ ގިނަ ރައްޔިތުން މާލެއަށް އެ ހިދުމަތްތައް ހޯދަން އައިސް ވަޒަންވެރިވާން ޖެހުމުގެ ސަބަބުން މާލެ މިވަނީ ތޮއްޖެހިފަ އެވެ. ބިމުގެ އަގު ބޮޑުވެ، ކުލި ދައްކައިގެން އުޅެން ޖެހުމުން ބުރަ މަސައްކަތުން ހޯދާ ހުރިހާ ފައިސާއެއް މިވަނީ ކުލި ދައްކާ ހުސްކުރަން ޖެހިފައި އެވެ.
އެހެންވީމަ ރާއްޖޭގެ ވަރިރަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިން ވިއްކާ ގޯއްޗާއި ފްލެޓުގެ އަގު އަތްފޯރާ ފަށަށް ތިރިކުރަން ޖެހެ އެވެ.
ވެރިކަން ކުރާ ކޮންމެ ސަރުކާރަކުން ގެދޮރުވެރިކަން ހޯދައިދޭނެ ކަމަށް ބުނެ ވައުދުވެ އެވެ. ނަމަވެސް އެކަށީގެންވާ ގޮތުގައި އެކަން ކޮށްދެވޭތަނެއް ނުފެނެ އެވެ. މާލޭގައި ދިރިއުޅެ ގިނަ ދުވަސްވީ ރައްޔިތުންނަށާއި މާލޭގެ ރައްވެހިންގެ ތެރެއިން މެދު ފަންތީގެ މީހުންނަށް އޮތީ ސަރުކާރުން ދޫކުރާ ފްލެޓެއް ލިބެންދެން އިންތިޒާރު ކުރުން އެކަންޏެވެ.
3 Responses
EEY SOFOORAA MEEKONTHAAKIN HODHI MAULOOMAATHEH HAADHA FURIHAMAYEY
Dhivehinnah veethee fahuruverivefa thibey dhivehin dhivehinge gothuga
Adhives eyna edhanee male inn ”binn kolheh“ ganna mun…