މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކ. މާފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެކެވެ.
މާލެއިން ފުރައިގެން މާފުއްޓަށް ދަތުރުކުރާ ފެރީއަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަނެހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޯގަސްޓް 28 ވަނަ ދުވަހުގެ 16:33 ހާއިރު މާފުށީ ބަނދަރު މަތިންނެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު އަތްދަބަހުގެ ތެރެއިން ނެގި ކޮތަޅަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަންހެން މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ނަގާ ޓެސްޓްކުރުމުން މަސްތުވާޓަކެތީގެ ދެބާވަތަކަށް ޕޮޒިޓިވް ވެފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްެރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެެވެ.