ފުލުހުންގެ އިންޓެލިޖެންސާއި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ދެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކާއި 26 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރާ މުދާއުފުލާ ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2016 އޮގަސްޓް 25 ވަނަ ދުވަހުގެ 13:30 ހާއިރު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
”އެދޯނިން ގެނައި ބޭސްކޮތަޅަކާ ހަވާލުވިތަނުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ ހަވާލުވި ބޭސްކޮތަޅު ބަލައިފާސްކުރިއިރު އެކޮތަޅު ތެރޭގައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހު ރަބަރު ޕެކެޓެއް ފެނިފައިވޭ“ ފުލުހުން ބުނެ އެވެ.
26 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދ. އަތޮޅުގައި އޮންނަ ރިސޯޓަށް ދަތުރުކުރި ލޯންޗަކުން ،އެ ރިސޯޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2016 އޮގަސްޓް 26 ވަނަ ދުވަހުގެ 14:00 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ހާމަކުރެ އެވެ.
”މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ގެންގުޅުނު ފޮށިގަނޑެއް ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވޭ“ ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ދެމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.