އުމުރުން ދުވަސްވީ މީހުންނަކީ ކޮންމެ މުޖްތަމައެއްގައިވެސް އަޅާލުމާއި ލޯބި ބޭނުންވާ މީހުންނެވެ. ނަމަވެސް އަދުގެ މި މުޖްތަމައުގައި ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ތިބާ ބޭނުންހާ އެއްޗެއް ހޯދައިދީ ތިބާ ބޭނުންވާ ކޮންމެ ކަމެއް ކޮންމެ ވަގުތަކު ކޮށްދީ ތިބާ ބަލާ ބޮޑުކުރާ މައިންބަފައިންނަށް ތިބާގެ އަޅާލުން އެންމެ ބޭނުންވާ ދުވަހު ފެންނަނީ އަޅާނުލެވޭ މަންޒަރެވެ. ފަރުވާ ކުޑަކޮށްލެވޭ ތަނެވެ. އިހުމާލުވެވޭ ތަނެވެ.
މިކަމަށް ނިމުމެއް ގެނައުމަށް ޗައިނާގެ ”ހުއަންފެންގް“ ނަމަކަށް ކިޔާ ކުޑަ އަވަށެއްގައި މިވަނީ ވަރަށް ތަފާތު ކަމެއްކުރަން ފަށާފަ އެވެ. އެއީ އެމީހެއްގެ އުމުރުން ދުވަސްވެ އަޅާލުން ބޭނުންވާ ފަރާތްތަކާއިމެދު އިހުމާލުވާ ފަރާތްތަކުގެ ފޮޓޯއާއި ނަން، އާންމުންނަށް ފެންނާނެހެން ބޮޑު ބިލްބޯޑަކަށް އެރުވުމެވެ.
މި އަވަށުގައި މިކަން ފަށާފައިވަނީ އުމުރުން ދުވަސްވެ ގައިބާރު ދަށްވާ ދުވަހު ދަރިން އަޅާނުލާ ކަމަށްބުނެ ބައެއް ފަރާތްތަކުން އެ އަވަށުގައ ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުންނެވެ. އެ އަވަށުގެ ޗީފް އެންމެ ފުރަތަމަ މަސައްކަތްކުރީ އިހުމާލުވާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލު ކުރުމަށެވެ. ނަމަވެސް އެގޮތަށް ހައްލު ނުލިބުމުން މިހާރު ވަނީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ބިލްބޯޑެއްގައި އިހުމާލުވާ ފަރާތްތަކުގެ ފޮޓޯ އާއި ނަން އާންމުކުރަން ފަށާފަ އެވެ. މިގޮތަށް މިކަން ހައްލުނުވެއްޖެ ނަމަ އިހުމާލުވާ މީހުންގެ ނަންތައް ކޮންމެ ދުވަހަކު އެއްފަހަރު ލައުޑް ސްޕީކަރުން އެ އަވަށުގެ ރައްޔިތުންނަށް އިއްވަންވެސް ވަނީ ނިންމާފަ އެވެ.