އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ) ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަހްތޫމް އެގައުމުގެ ސަރުކާރުގެ ބައެއް އޮފީސްތަކަށް އިއްޔެ ހެނދުނު ހެނދުނާ ޒިޔާރަތްކުރި އިރު އެ އޮފީސްތަކުގެ ވެރިން އޮފީހަށް ނުދާތީ އެކަމަށް އެކި ފަރާތްތަކުން ފާޑުކިޔަން ފަށައިފި އެވެ.
ޝޭހް މުހައްމަދު އެ ގައުމުގެ ސަރުކާރުގެ ބޮޑެތި އޮފީސްތަކަށް ޒިޔާރަތް ކޮށްފައިވަނީ އިއްޔެ ހެނދުނު، އެ ގައުމުގެ ގަޑިން 7:30 ހާއިރުގަ އެވެ. އެ ޒިޔާރަތުގެ ވީޑީއޯ އެ ގައުމުގެ ރަސްމީ މީޑިއާއިން އާންމުކޮށްފައިވާއިރު އޮފީސްތަކުގެ އިސްވެރިން ތިބޭ ގޮނޑިކޮޅުތައް ހުސްކޮށް ހުންނަތަން ފެނެ އެވެ. އެ ވީޑިއޯ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝެއާކޮށް އެކަމަށް ފާޑުކިޔަމުންނެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން މިފަދަ ގޮތަކަށް ޝޭހް މުހައްމަދު އެ ގައުމުގެ ރަސްމީ އޮފީސްތަކަށް ޒިޔާރަތްކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ޝޭހް މުހައްމަދު މިގޮތަށް ޒިޔާރަތް ކުރައްވަނީ އެގައުމުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރަން ކަމުގައިވާނަމަ ހެނދުނު ގަޑިއަށް އޮފީހަށް ނުދާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ވީޑިއޯ ޝެއާ ކުރާ ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.