މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް ގެ ހުއްދަ ނެތި ހުޅުމާލެ އަށް ދަތުރުކުރި ޔޮޓެއް ޖޫރިމަނާ ކޮށްފިއެވެ.
މިމަހުގެ 19 ވަނަ ދުވަހު ސީޝެލްސް ގެ ވިކްޓޯރިއާ ބަނދަރުން ފުރައިގެން ރާއްޖެއައި ޓޫރިސްޓް ޔޮޓެއް ކަސްޓަމްސްގެ ހުއްދަ ނުހޯދާ ހުޅުމާލެއަށް ދަތުރު ކޮށްފައިވާތީ ޖޫރިމަނާކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވެއެވެ. ބަޔާނުގައި ވާގޮތުން މިޔޮޓް ޖުރިމަނާ ކޮށްފައިވަނީ 30،000 ރުފިޔާ އިންނެވެ. އަދި އެފައިސާ ތިން ދުވަސް ތެރޭގައި ކަސްޓަމްސް އަށް ދެއްކުމަށް ޔޮޓްގެ ވެރި ފަރާތަށް އަންގާފައިވެއެވެ.
ކަސްޓަމްސް އާންމު ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ)ގެ 12 ގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކޮށްފިނަމަ 30،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށެވެ. ޔޮޓް ޖޫރިމަނާ ކޮށްފައިވަނީ ކަސްޓަމްސްގެ މި ގަވައިދަށް ބަލާފައި ކަމަށްވެސް އެބަޔާނުގައި ވެއެވެ.