ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ ރެޑީ ކޭމްޕްގެ 47 ވަނަ ރެޑީ ކޭމްޕު ޅ.ހިންނަވަރުގައި ފަށައިގެން ކުރިޔަށް އެބަދެއެވެ.
ރެޑީ ކޭމްޕްތަކަކީ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ގިނަ ޙަރަކާތްތަކެއް އެކުލެވޭ ގޮތުން ކުރިއަށްގެންދެވޭ ކޭމްޕް ތަކެކެވެ.

ފުލުހުން ހިންގާ ރެޑީކޭމްޕަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް ޕްރިވެންޝަން ޔުނިޓާއި މަދަނީ ޖަމިއްޔާއެއްކަމަށްވާ ހޭންޑް އިން ހޭންޑާއި ޅ.އަތޮޅު ތައުލީމީ މަރުކަޒާއި، ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަން އާއި ޅ.ހިންނަވަރު ކައުންސިލް އަދި ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން ގުޅިގެން ހިންގާ ކޭމްޕެކެވެ.
މި ކޭމްޕުގައި ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ ސާނަވީ ގްރޭޑްތަކު ގެ ދަރިވަރުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެއެވެ. މިމަހުގެ 25 ން 27 އަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ޖުމުލަ 67 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި 35 އަންހެން ދަރިވަރުންނާއި 32 ފިރެހެން ދަރިވަރުން ބައިވެރިވެފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ޙަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ތެރެއިން ދަރިވަރުންގެ ކިބައިގާ ރިވެތި ސިފަތަކެއް އަށަގެންނެވުމަށް ބޭނުންވާ ކަންތައްތަކާއި އަދި ދިރިއުޅުމުގައި ރިވެތި ސިފަތައް ބޭނުންކުރާނެ ގިން ގޮތްތަކެއް ދަރިވަރުންނަށް އުގަންނައި ދެވޭނެއެވެ.
”ދަރިވަރުންނަކީ ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެބުމަށް ދަރިވަރުންނަށް ދަސްކޮށްދެވޭނެ“ ފުލުހުން ހާމަކުރެ އެވެ.
މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުގެ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާއިބެހޭގޮތުންވެސް މިކޭމްޕުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމުމާއި ރިވެރި ސިފަތައް ދަރިންގެ ކިބައިގައި ހަށަގެންނެވެމުމަށް ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތައް ނަގައިދެއްވާނީ ހޭންޑް އިން ހޭންޑްގެ ފަރާތުންނެވެ.
ފުލުހުން ހާމަކުރާގޮތުގައި މި ކޭމްޕަކީ ކާމިޔާބު ކޭންޕަކަށް ހެދުމަށްޓަކައި ޅ.ނައިފަރު ޕޮލިސް ސްޓޭޝަން، ފެނަކަ ކޯޕަރޭޝަންގެ ޅ.ހިންނަވަރު ބުރާންޗާއި، ހިންނަވަރު ހެލްތު ސެންޓަރ، ވިލެޖް ކޮންސްޓްރަކްޝަން، އަދި ހިންނަވަރު ޔޫތު ސެންޓަރ އަދި ދިވެހި ރެޑް ކްރަސަންޓްގެ ގއ.ވިލިގިލި ބްރާންޗްގެ ފަރާތުން ފުލުހުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިމުންދެއެވެ.