މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު، ނުވަތަ އާއްމު ނަމުން ނަމަ ސްޓެޕްސް އައްޔަ، ނެށުމުގެ ދާއިރާ އާއި 11 އަހަރު ވަންދެން ދުރުގައި ހުރުމަށްފަހު، އަނެއްކާވެސް ސްޓޭޖަށް އެނބުރި އަންނަން އުޅޭ ކަމަށް އައްޔަ ވަނީ ހާމަ ކޮށްފައެވެ. ސިޔާސީ ދާއިރާގައި މިވޭތުވެދިޔަ އަހަރު ތަކުގައި އުޅުމަށްފަހު، ނެށުމުގެ ދާއިރާއަށް، އެނބުރިދާއިރު، މިފަހަރު އައްޔަގެ ”ސްޓެޕްސް“ތަށް ދައްކާލުމަށް ހަމަޖެހިފައިމިވަނީ މިއަޟްޙާ ޢީދުގައި ތ.އަތޮޅާއި ލ.އަތޮޅުގައި ބޭއްވޭނެ ޝޯތަކުން ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. ފިލްމީ ދާއިރާގެ އެހެން ފަންނާނުން ތަކެއް ވެސް މިޝޯތަކުގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައްޔައާއި އެކު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ފާތުމަތު އަޒްލިފާ (އަޒޫ)، ޢަލީ އާޒިމް (ދޮން އައްޔަ)، އަދި އާމިނަތު ނުޒުހާ (ނުޒޫ) އެވެ. މިޝޯތަކުގެ މެނޭޖަރަކީ ތުއްތު ސަޢީދެވެ. ޢީދު ޝޯގެ ފުރަތަމަ ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ ތ.ވަންދޫ ގައި ޢީދުގެ ފުރަތަމަ ރޭގައެވެ.
ސްޓެޕްސް އައްޔަ އަކީ ނެށުމުގެ އިތުރުން ތަފާތު އެކިއެކި ދާއިރާތަކުން އަޅުގަނޑުމެންނަށް ފެނިފައިވާ، އެންމެން ވެސް ދަންނަ މޫނެކެވެ. އެގޮތުން ބަލާއިރު މުނިފޫހި ފިލުވުމުގެ ދާއިރާ އާއި، އެހެން ގޮސް ސިޔާސީ ދާއިރާގެ އިތުރުން މީޑިއާ ގައި ވެސް ސްޓެޕްސް އައްޔަ ވަނީ މަސައްކަތް ކުރައްވާފައެވެ. މިފަހަރު މިހިމަނާލަނީ، ސްޓެޕްސް އައްޔަ ޢަމަލީ ގޮތުން މަސައްކަތް ކުރައްވާފައިވާ މިފަދަ ދާއިރާ ތަކާއި ބެހޭ ގޮތުން ސްޓެޕްސް އައްޔަ ”ދުވަސް“ އަށް ދީފައިވާ ޚާއްސް އިންޓަރވިއު އެކެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރެވުނު ސުވާލަކީ، ސްޓެޕްސް އައްޔަގެ ހަރާކާތްތަށް ދެން އެންމެ އަވަހަށް ފެނުމަށް ހަމަޖެހިފައިވާ ޢީދު ޝޯއާއި ބެހޭ ގޮތުންނެވެ. އައްޔަ ބުނި ގޮތުގައި އެހާ ދިގު މުއްދަތަކަށް ނެށުމާއި ދުރުގައި ހުރެފައި އަލުން އެނބުރި ސްޓޭޖަށް އަރަން ފުރުސަތު ލިބުމުން އައްޔަ ވަރަށް އުފާވެއެވެ.
”ވަރަށް ދުވަސް ވެއްޖެ ސްޓޭޖަކަށް ނާރާތާ. އަނެއްހެން ބުނާނަމަ 2005 ވަނަ އަހަރުން ފެށިގެން ގްރޫޕް ޢީދު ޝޯވ އެއް ނުދެން!“ އިންޓަރވިއުގައި އައްޔަ ބުންޏެވެ. ޢީދުގެ ޝޯވ ތަކަށް އެންމެ ފުރަތަމަ ދަނީ 9 ސެޕްޓެމްބަރ 2016 ވަނަ ދުވަހު ތ.އަތޮޅަށް ކަމަށް އައްޔަ މަޢުލޫމާތު ދިނެވެ. ނަމަވެސް ތ.ވަންދޫގައި އެންމެ ފުރަތަމަ ޝޯވ ބޭއްވޭނީ 10 ސެޕްޓެމްބަރުގައި ކަމަށާއި ވަންދޫއަށް ފަހު ދެން ޝޯވ ތަށް ބޭއްވޭނީ ލ.ހިތަދޫ އަދި ލ.ގަމުގައި ކަމަށް ވެސް އައްޔަ ބުންޏެވެ.

ނެށުމުގެ ދާއިރާގައި އުޅެފައި ސިޔާސި ދާއިރާއަށް އައްޔަ ނިކުތް ސަބަބެއް ވާނޭކަން ވެސް ހަމަ ޔަޤީނެވެ. އެހެންކަމުން ސިޔާސީ ދާއިރާއަށް ދެވުނީ ކިހިނެއްތޯ އާއި މިހާރު އެދާއިރާ (ސިޔާސީ ދާއިރާ) ދޫކޮށްލީތޯ އައްޔަ ގާތު ސުވާލު ކޮށްލީމެވެ.
”ސިޔާސީ ދާއިރާއަށް ދާން ޖެހުނީ، ނެށުމުގެ ދާއިރާއިން ކުރިއަށް ދެވޭނީ އަދި ދާއިރާ ކުރިއަރުވަން މަސައްކަތް ކުރެވޭނީ ސަރުކާރުގެ ތެރޭގައި ހުރެގެން ކަމަށްވާތީ އެއިރުގެ ޓޫރިޒްމް މިނިސްޓަރ އަޙްމަދު އަދީބު ދެއްވި ފުރުސަތެއްގައި“
”ސިޔާސީ ދާއިރާއެއް ފުރުމައްޓަކައި އެން.ސީ.އޭ އަށް ވަނތްހިސާބުން ފެށިގެން، ނަށަން ދަސްކޮށްދިނުމަށް އަދި ނެށުމުގެ ދާއިރާއަށް އިތުރު ކުދިން ނެރުމަށް މަސައްކަތް ފެށުމައްޓަކައި ސިޔާސީ ދާއިރާއަށް ވަނީ“
”ސިޔާސީ ދާއިރާ އެއްކޮށް ދޫކޮއްލީކީ ނޫން!“
ސިޔާސީ ދާއިރާ އަށް އަދިވެސް ކޮށްދެވެން ހުރި ކަމެއް ކޮށްދެމުން މިގެންދަނީ. ދެން ނެށުމާއި ބެހޭގޮތުން ބުނެލަން ބޭނުންވަނީ، ހަމައެކަނި ފިލްމީ ދައިރާގަ އެކަންޏެއް ނޫން އެކަން ކުރަމުން މިގެންދަނީ. ވަގުތުވާ ވަރަކުން އޮފީސް ތަކުގެ ބެފުޅުންނަށާއި ސްކޫލް ތަކަށް ވެސް ނަށަން ދަސްކޮށްދެމުން މިގެންދަނީ. އެގޮތުން މިދިޔަ މިނިވަން 50 ގައި ރަށްރަށުގެ އައިޓެމްތަށް އައްޔަ ވާނީ ހަދާދީފަ ކޯޑިނޭޓަރުގެ މަޤާމުގައިހުރެ. އަދި އެ އައިޓަމްތަކަށް ވަނީ ވަނަ ވަނަ ލިބި މާލެ އައުމަށް ވެސް ދަޢުވަތު ލިބިފަ“
ފިލްމީދާއިރާގައި ވެސް މިވަގުތު ވަރަށް ބުރަކޮށް އުޅެމުން ގެންދާ އަލީ ޝާހިދް، ނުވަތަ ސްޓެޕްސް އައްޔަ ވަނީ މިވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަ ފިލްމާއި ބެހޭގޮތުން ވެސް މަޢުލޫމާތު ކޮޅެއް ޙިއްސާ ކޮށްލާފައެވެ.
”މިހާރު ކުރަމުން މިގެންދަނީ ޔޫއްޕެ ޑައިރެކްޓް ކުރާ، އިންސާފް ޝަފީޤް އާއި ނިއުމާ ޕްރޮޑިއުސް ކުރާ ފިލްމު ’ބައިވެރިޔާ‘ ގެ މަސައްކަތް، އެއީ ސަޕްރައިޒް އެއް. ދެން އެއަށްފަހު މާއެނބޫގެ ފިލްމެއް ކަމަށްވާ ’ނޭދެން ވަކިވާކަށް‘ އެފިލްމުން ވެސް ފެނިގެން ދާނެ. އެފިލްމުން ފެނިގެންދާނީ މުހިންމު ރޯލަކުން. އިތުރު ފިލްމެއްގެ މަސައްކަތް ނަގާނީ ދެން ބޮޑު ޢީދުގެ ފަހުން“

މިފަދަ ގިނަގުނަ ކަންތައްތަކެއް، މިހާ ބުރަކޮށް އަބަދު އުޅެމުން ކުރެވޭނީ ބައެއްގެ ހިތްވަރާއި އެހީތެރިކަމުން ކަންވެސް ޔަޤީނެވެ. އެގޮތުން ސްޓެޕްސް އައްޔަ ގެ ޙަޔާތުގައި ފާހަގަ ކޮށްލެވޭ އަދި ލިބުނު ކުރިއެރުން ތަކަށް ޝުކުރުވެރިވާ ފަރާތް ތަކެއް ވެސް ވެއެވެ. އައްޔަ ވަނީ ނެށުމުގެ ދާއިރާއަށް ނިކުމެވުނު ގޮތް ކިޔާދެމުން އެފަރާތް ތަކުގެ ނަންތައް ވެސް ފާހަގަ ކޮށްލާފައެވެ.
”ނެށުމުގެ ދާއިރާ އަށް އައީ ވަރަށް ކުރިން. އެއީ ހަމަ ވަރަށް ކުރާ ހިތުން. އެއިރު މިދާއިރާއަށް އައީ 1996 ވަނަ އަހަރު ރަވީ އާއި އެކު ޒެފްރޯލް ގްރޫޕަށް. އެއިރު ޕްރެކްޓިސް ކުރަން ފެށީ ފަޔާ، ޒީނިޔާ، މުރަތު، އަޒްލީފް، މޫސަ، މުއްކޮ މި އެންމެންނާ އެކު. އެއީ ޝައުޤުވެރިކަން އުފެދުނު ގޮތަކީ. ފަހުން ރަވީގެ އަމިއްލަ ގްރޫޕެއް ކަމަށްވާ ’ކޮމެޓްސް‘ އުފެދި މިހާރުގެ އެމްޕީ މުޙައްމާ ގެ އެހީތެރިކަމާއި އެކު ޓީ.ވީ ޝޯވ ތަކުން ޗާންސް ލިބި އެންމެ ފަހުން އައްޔަ މެންގެ އަމިއްލަ ގްރޫޕެއް ކަމަށްވާ ”ސްޓެޕްސް“ ގްރޫޕް އުފެދުނީ. އަސްލު މިދާއިރާއަށް ނިކުމެވުނީ ރަވީ އައްޔަ އަށް ދިން ފުރުސްތުންނޭ ބުނެވޭނީ. އަމިއްލަ މަސައްކަތުން މިހާ ހިސާބަށް އާދެވުނީ. މާތް ﷲ އަށް ޝުކުރު ކުރަން. ދެން އަޅުގަނޑަށް ވަރަށް ބޮޑު އެހީތެރި ކަމެއް އަބަދުވެސް ލިބުން ޓެޑްރީގެ ފަރާތުން. އެހެންވެ މިފުރުސަތުގަ ޓެޑްރީ އަށް ވެސް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން“
ކުރިން ވެސް ބުނެލި ފަދައިން ”ސްޓެޕްސް އައްޔަ“ އާއްމުންގެ ތެރެއަށް މައްޝޫރުވެފައިވަނީ ހަމަ އެކަނި މުނިފޫހި ފިލުވުމުގެ ދާއިރާ އިންނާއި ސިޔާސީ ދާއިރާއިން އެކަންޏެއް ނޫނެވެ. މީޑިއާ ގައި ވެސް ސްޓެޕްސް އައްޔަ ވަނީ ކުރިން ވަރަށް އިސްކޮށް ހަރަކާތްތެރި ވެފައެވެ. އެގޮތުން މީޑިއާ އަށް ވެސް ވަދެވުނު ގޮތާ ކުރެއްވި ކަންތައްތައް ކިޔާ ދިނެވެ.
”އަޅުގަނޑަކީ އަކީ އަބަދުވެސް މީޑިއާ އަށް ވަރަށް ޝައުޤު ހުންނަ މީހެއް. މަޢުލޫމާތު ހޯދާ މަޢުލޫމާތު ހާމަ ކޮށްދިނުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. އަދި އާކުދިން އެދާއިރާއަށް ނެރުމަކީ ވެސް ވަރަށް ކުރާހިތްވާ ކަމެއް. އެގޮތުން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ސަރުކާރު ޕްރޮމޯޓް ކުރުމުގެ ގޮތުން، މުޝައްރަފް އާއި އެކު އެމްވީޔޫތު އަށް ސްޕޮންސަރ ހޯދާ ދިނުމާއި ޚަބަރުތަށް ވަގުތުން ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްދިނިން.“

”ފަހުން އެމްވީޔޫތު ’ވަގުތު.އެމްވީ‘ އަށް ރީބްރޭންޑްކޮށް، ބަޖެޓް ހޯދާދީ އެންމެ ޓޮޕް ލެވެލަށް ’ވަގުތު‘ ގެންގޮސް ދިނުމަށް މުހިންމު ރޯލެއް އަޅުގަނޑު ވާނީ ކުޅެދީފަ. ވަގުތު ގަ މަސައްކަތް ކޮށްދިނީ ހިލޭސާބަހަށް. އެއީ ކުރާ ހިތްވާ ކަމަކަށް ވާތީ. ފަހުން ’ވަގުތު‘ ގެ އެއްވެސް ކަމެއްގަ އަޅުގަނޑު ނޫޅެން. ފަހުން ވީ ގޮތެއް އެނގިލައްވާނެ އެވަގުތު ’ވަގުތު‘ އައި ހަވާލުވެ ތިބި މީހުންނަށް“

”އަޅުގަނޑު މަސައްކަތް ކުރީ އެންމެ ގިނަ މީހުން އެއްފަހަރާ ބަލާ ނޫހަކަށް ’ވަގުތު‘ ހެދުމަށް، އެކަމަށް ދިމާވާ ދަތިތަށް ފިލުވާ ދިނުމަށް. ދަރަނިތަށް ކަނޑުވާ ދިނުމަށް. އެކަން އަޅުގަނޑު ކޮށްދިނިން“
މީޑިއާ އަށް ކޮށްދިން މަސައްކަތްތަށް ވެސް ގިނަގުނަ އެވެ، އެހެން ކަމުން ދެން އެންމެ ބޮޑަށް ސުވާލު އުފެދުނީ، މީޑިއާ އަށް އެހާ ބޮޑު ޝައުޤެއް އުފެދުނު އިރު، މިހާރު އެއްވެސް މީޑިއާ އެއްގައި މަސައްކަތް ކުރަންތޯ ނޫނީ ކުރަން ހިޔާލު ކުރަންތޯ އެވެ.
’މިހާރު އެއްވެސް މީޑިއާ އެއްގެ އެއްވެސް މަސައްކަތެއް ނުކުރަން. އެކަމަކު ފުރުސަތެއް ލިބިއްޖެ ނަމަ ހަމަ އަދިވެސް އެދާއިރާއިން ވެސް ކުރެވެން ހުރި ކަމެއް ކޮށްދޭ ގޮތަށް މިހުރީ. މިހާރުވެސް ކަމަކާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދަން މީޑިއާ ތަކުން ގުޅީމަ ދެން މަޢުލޫމާތު“
ނެށުމުގެ ދާއިރާ އާއި ދުރުގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އަލުން އެނބުރި އެދާއިރާއަށް ދާއިރު، އެދާއިރާ އާއި މެދު އައްޔަ ވެސް ދެކޭ ފޮނި ހުވަފެން ތަކެއް ވެއެވެ. އަދި ދާއިރާގައި އުޅޭ އެހެން މީހުންނަށް ދޭން ބޭނުންވާ މެސެޖެއްވެސް ވެއެވެ.
”ބުނެލަން ބޭނުންވަނީ މިދާއިރާއަށް އެނބުރި މިއައީ ވަރަށް ފޮނި އުއްމީދު ތަކަކާއި އެކު، ހާސިލް ކުރަން ބޭނުންވާ އެތައް ކަނޑުދަނޑިތަކެއް ހާސިލް ކޮށްފައޭ. މާތް ﷲ ގެ އިރާދަފުޅާއި އެކު އަލުން މިދާއިރާ އަށް މިއާދެވުނީ ތުއްތު ސައީދުގެ ވަރަށް ބޮޑު އެހީތެރި ކަމަކާއި އެކު، ޔޫއްޕެ އާއި އިންސާފް ޝަފީގް ދިން ހެޔޮ ނަސޭހަތް ވެސް އަޑު އަހައިގެންނޭ. ކުރިން ވެސް ބުނި ފަދައިން ޓެޑްރީ ވެސް ވަރަށް ބޮޑު އެހީތެރި ކަމެއް އަބަދުވެސް ދިން. ދާއިރާ އަށް އުޖާލާ ދުވަސްތަކެއް ކުރިއަށް އެބަ އޮތް އިރާދަކުރެއްވިއްޔާ.“

”އެއްބަޔަކު އަނެއް ބަޔަކަށް އިޚްތިރާމް ކުރާ ބަޔަކަށް ފިލްމީ (މުނިފޫހިފިލުވުމުގެ) ދާއިރާގައި ފަންނާނުން ވާށޭ ބުނެލަން ބޭނުން. އިޚްތިރާމް ލިބޭނީ އިޚްތިރާން ހޯދައިގެން، އެއީ ދާއިރާގައި ގިނަ ދުވަސްވީ ފަންނާނެއް ކަމުގައިވިޔަސް، މިއުޒިކް އާޓް، އެކްޓިންގް، ފޮޓޯގްރަފީ އަދި ވީޑިއޯގްރާފީ ކަމުގައި އުޅޭ ފަންނާނަކަށް ވިޔަސް، އިޚްތިރާމް ހޯދައިގެންނޭ އިޚްތިރާމް ލިބޭނީ، ބުނެލަން ބޭނުން“
މިއީ މިހާތަނަސް ސްޓެޕްސް އައްޔަ ކޮށްފައިވާ ދަތުރުގެ ކުރު ޚުލާސާ އެކެވެ. ދެކެމުން އަންނަ ހުވަފެނަކީ މަސައްކަތް ކުރަމުން ދާ ކޮންމެ ދާއިރާ އެއްގައި ވެސް ކުރިއެރުން ލިބި އުޖާލާ، ފަހި މުސްތަޤްބަލެއް ލިބުމެވެ. އަދި އެކަން ހާސިލް ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަަތް ތަކެއްވެސް އައްޔަ ވަނީ ކޮށްފައިކަން ފާހަގަ ކުރެވެއެވެ.
2 Responses
Step ayya aky kuraa konme kameh varah rangalhah kuraa beyfulheh. Hithaama aky kulhivaruge dhaairaa ah kohdhin massaikai faahaga nukoh dhineethy.ayya ah faagathi dhuvas thakakah edhen. Steps ayya aky kuri valencia ge manager kan ves koffavaa faraathehkah alhugandu faahaga kollan.
aya akee fulusofeehugeves v buramasakathey kohdhin faraatheh ekanves faahagakurun budhiveri