ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމަށް ގައުމީ ޔުނިވާސިޓީއާއި އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.
މިކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ ޑިގްރީއަށް ކިޔެވުމަށް ޓީޗަރުންނަށް ފުރުސަތު ދޭއިރު ޓީޗަރުން މަދު ސްކޫލުތަކާއި ހާއްސަ މާއްދާތައް ކިޔަވައިދެމުން އަންނަ ޓީޗަރުންނަށް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން ސައިންސާއި ހިސާބާއި އިނގިރޭސި އަދި ބިޒްނަސްގެ މާއްދާތަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އިސްކަން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް އެ ދާއިރާތަކުން ޓީޗަރުން ތަމްރީންކޮށް އިތުރަށް ކިޔަވަން ފުރުސަތު ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ހިސާބު ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ހާސިލްކޮށްފައި ތިބީ 25 އިންސައްތަ ޓީޗަރުން. ސައިންސާއި ބިޒްނަސް ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ އޮތް ޓީޗަރުންގެ ނިސްބަތް 30 އިންސައްތައަށްވުރެ ދަށް. އިނގިރޭސި ކިޔަވައިދެނީ 20 އިންސައްތަ ދިވެހި ޓީޗަރުން. ކުދިންގެ ނަތީޖާ ރަނގަޅުކުރަން ބަލާއިރު އަޅުގަނޑުމެން ބަދަލުކުރަން ޖެހިފައި އޮތް ކަމެއް ކަން ފާހަގަކޮށް ވަރަށް ޓާގެޓެޑް މަސައްކަތެއް ގޮތަށް އިރާދަކުރެއްވިއްޔާ މިހާރު އެކަންތައް ބަދަލުކުރެވެމުން މިދަނީ،“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ ޑިގްރީއަށް ކިޔެވަށް ޓީޗަރުންނަށް ފުރުސަތު ހުޅުވާލުމަށް ނިންމީ މިދިޔަ އަހަރު ކާމިޔާބު ކަމާއި އެކު ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ގެންދިއުމަށް ހިންގި ޕްރޮގްރާމް ނިންމާލެވުމުން ކަމަށެވެ.
ވަޒީފާ އަދާކުރަމުން ޑިގްރީއަށް ކިޔެވޭ މި ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައިވަނީ ތިން އަހަރަށް ބަހާލަިއގެންނެވެ. ޑިގްރީ ކޯހަށް ހޮވޭ ޓީޗަރުންގެ މުސާރައިން، ކޯސް ފީއަށް، މަހަކު 450ރ ކަނޑާނެ އެވެ.