އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ބިޒްނަސް ސާވިސް އެޖެންޓުން ހަަޖައްސައިފި އެވެ.
މިއަދު އެޖެންޓުންގެ ގޮތުގައި ނުވަ ފަރާތެއް ހަމަޖައްސައި އެ ފަރާތްތަކަށް ހުއްދަދީފައިވެ އެވެ.
އިކޮނިމިކް މިނިސްޓްރީން ބުނީ އެ އެޖެންޓުން މެދުވެރިކޮށް އެ މިނިސްޓްރީން ދޭ ރަޖިސްޓްރީގެ ބައެއް ހިދުމަތްތަކާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ބައެއް ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އެގޮތުން ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި ލޯގޯ ނުވަތަ ސީލް ރަޖިސްޓްރީ ކުރުމާއި ވިޔަފާރިތައް އުވާލުން ފަދަ ހިދުމަތްތައް މިއަދު ހުއްދަ ދެވުނު އެޖެންޓުން މެދުވެރިކޮށް ހޯދޭނެ ކަމަށެވެ. ނަމަވެސް މި ހިދުމަތްތައް މިނިސްޓްރީއަށް ގޮސްގެންވެސް ހޯދޭނެ އެވެ.
އެމިނިސްޓްރީން ބުނީ އެ އެޖެންޓުން މެދުވެރިކޮށް ހޯދާ ހިދުމަތް މިނިސްޓްރީއަށް ގޮސްގެން ހިދުމަތް ހޯދުމަށްވުރެ އަވަސްވާނެ ކަމަށެވެ. އެއީ އައުޓު ސޯސްކޮށްފައިވާ ކުންފުނިތައް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަން ސިސްޓަމެއް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންދާއިރު އެމިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް ލުއިވާނެތީ އެވެ.