އެމްޑީޕީގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
މިއަދު ހައިކޯޓުން ތާއީދުކޮށްފައިވަނީ އޭނާ ބަންދު ކުރުމަށް ފަހު ފުރަތަަމަ ފަހަރަށް ބަންދަށް އިތުރު ކުރި 15 ދުވަހުގެ މުއްދަތަށެވެ. އޭނާ ހައްޔަރު ކުރީ ސަލާމަތީ ބާރުތަކާއި އާންމުންނާއި ދެމެދު ނަފުރަތު އުފައްދަން ސޯޝަލް މީޑިއާ މެދުވެރިކޮށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައި އެވެ.
އެ މައްސަލައިގެ އިސްތއުނާފު އަޑުއެހުންތައް ނިންމުމަށްފަހު މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ލޫކަސްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ ލޫކަސް ޖަލީލުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ތުހުމަތު އުފެދޭ މިންވަރުގެ އެކަށީގެންވާ ހެކި ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ލޫކަސްގެ ބަންދުގެ މުއްދަތަށް ހައިކޯޓުން މިއަދު ތާއީދު ކުރި އިރު އެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހަށްވަނީ ހަމަވެފައި އެވެ.
އެދުވަހު ކޯޓަށް ހާޒިރު ކުރުމުން އަނެއްކާވެސް އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ތާއީދުކޮށްފައިވެ އެވެ. އެ މައްސަލަވެސް ލޫކަސް ޖަލީލްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.