ބޮލީވުޑް އަދި ހޮލީވުޑް ގައި ވެސް މިހާރު ފިޔަޖަހަމުން އަންނަ މަައްޝޫރު އެކްޓްރެސް އަދި ކުރީގެ ރީތީގެ ރާނީ، ޕްރިޔާންކާ ޗޯޕްރާ އަކީ އަބަދުވެސް ވަރަށް ތަފާތު އެކްޓިންގް ތަކަކާއި ހުނަރު ތަކެއް ދައްކުވާދޭ ކުޅަދާނަ އެކްޓްރެސް އެކެވެ.
އެގޮތުން މިފަހަރު މިއޮތީ އަނެއްކާވެސް ޕްރިޔާންކާ ގެ މުޅިން ތަފާތު ހުނަރެއް ދައްކުވާ ދޭނެ އަދި ޕްރިޔާންކާ އަށް ވަރަށް ޚާއްސަ ފިލްމެއްގެ ވާހަކައެވެ. ފިލްމު ”ވެސްޓިލޭޓރ“ ޕްރިޔާންކާ އަށް ޚާއްސަވަނީ، މިފިލްމަކީ އޭނާގެ އާއިލީ ޕްރޮޑަކްޝަނެއް ކަމުގައިވާ ”ޕާޕަލް ޕެބްލް ޕިކްޗަރސް“ ގެ އުފެއްދުމެއް ކަމަށް ވެފައި، ފުރަތަމަ ފަހަރަށް ޕްރިޔާންކާ ގެ މަންމަ ވެސް އެކްޓިންގް ގެ ދާއިރާއިން އެފިލްމުން ފެނިގެންދާނެތީ އެވެ. އަދި މީގެ އިތުރުން މިފިލްމަކީ މަރާތީ ފިލްމެކެވެ.
މިހުރިހާ ކަމެއްގެ އިތުރުން މިފިލްމަށް އިތުރު ޚާއްސަ ކަމެއް ގެނެސްދިނެނީ އަނެއްކާ ވެސް ޕްރިޔާންކާ ގެ ތަފާތު އެހެން ހުނަރަކުން ނެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ޕްރިޔާންކާ މިފިލްމުގައި އޭނާގެ އަމިއްލަ އަޑުން ލަވައެއް ކިޔާނެއެވެ. އަދި އެވެސް މަރާތީ ބަހުންނެވެ.
ޕްރިޔާންކާ އަކީ އެކްޓިންގް ގެ އިތުރުން ލަވަ ކިޔުމުގެ ދާއިރާއިން ވެސް ވަރަށް ކުޅަދާނަ އެކްޓްރެސް އެކެވެ. ނަމަވެސް ދުވަސްތަކަކަށް ލަވަކިޔުމާއި ދުރަށް ޖެހިލުމަށްފަހު ޕްރިޔާންކާ އަލުން ލަވަކިޔުމުގެ ދާއިރާ އަށް ވަނުމަށް ގަސްދުކުރީ މަރާތީ ލަވައަކުން އޭނާގެ އާއިލީ ޕްރޮޑަކްޝަން ގެ ފިލްމު ”ވެންޓިލޭޓަރ“ އިންނެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ޕްރިޔާންކާ އަށް މަރާތީ ބަހުން ލަވަ ކިޔޭނެ ކަމާއި މެދު ޝައްކު ކުރަމުންނެވެ. އެހެން ކަމުން ބައެއް ރިޕޯޓުގައި ބުނެފައިވަނީ ފަހަރެއްގައިވާ ގޮތުން ޕްރިޔާންކާ އެފިލްމުގައި ހިންދީ ބަހުން ވެސް ލަވަ ކިޔާފާނެ ކަމަށެވެ.
މީހުންގެ އެފަދަ ބަސްތަކަށް ރައްދު ދެމުން ޕްރިޔާންކާ ބުނީ އޭނާއަށް މަރާތީ ބަހުން ލަވަ ކީދާނެ ކަމަށެވެ.