އިނގެރޭސި ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ގޮތުގައި މައްޝޫރުވެފައިވާ ލިވަރޕޫލް އަދި އަރސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.
އެންފީލްޑްގައި ކުޅުނު މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ގިނަވަގުތު ޑޮމިނޭޓުކޮށް ކުޅެމުން އައީ ލިވަރޕޫލްއިންނެވެ. ވޭތުވެދިޔަ ސީޒަންގައި ދެއްކި ލިވަރޕޫލްގެ އެޓޭކިންގެ ފުޓުބޯޅަ އަނެއްކާވެސް ފެންނަން ފެށި ކަހަލައެވެ.
އެގޮތުން ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ފިލިޕް ކުޓީނިއޯގެ ގޯލުން ލިވަރޕޫލް ލީޑު ނެގިއެވެ. ނަމަވެސް ލިވަރޕޫލްއަށް ލީޑު ދެމެހެއްޓުނީ ސިކުންތުކޮޅެއްގައެވެ. އަރސެނަލްގެ ފުރަތަމަ ހަމަލާ ލިބުނު ހިލޭޖެހުމެއްގެ އެހީގައި ގޯލައަކަށް ބަދަލުކޮށްލިއެވެ. އަރސެނަލްގެ ގޯލައަކީ ޑިފެންޑަރ ޑެބޫޗީ ބޮލުން ކާމިޔާބުކޮށްދިން ގޯލައެކެވެ.
ދެވަނަ ހާފް ފެށިގެންވެސް ލިވަރޕޫލް ދައްކަމުން އައީ އަވަސް އެޓޭކިންގ ކުޅުމެކެވެ. ނަމަވެސް އަރސެނަލްއިން ލިބުނު ފުރުސަތުގެ ބޭނުން ހިފާ އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. ކަޒޯލާ އަދި ޖީރޫގެ މޮޅު ”ވަންޓޫ“ އަކާއެކު ގޯލް ކާމިޔާބުކޮށްދިނީ ޖީރޫއެވެ. މިއީ ޖީރޫ ސީޒަންގައި ކާމިޔާބުކޮށްދިން 5 ވަަނަ ގޯލައެވެ.
ލިވަރޕޫލްއިން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރުނު ފަބިއޯ ބޮރިނީ ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ މެޗު ނިމެންދަނިކޮށް ރަތްކާޑު ދައްކާފައެވެ. ނަމަވެސް ލިވަރޕޫލްއިން ހިތްވަރު ގެއްލުވާނުލާ ކުރި މަސައްކަތުން މާރޓިން ސްކާޓަލްގެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
މި ނަތީޖާއާއެކު ލިވަރޕޫލް އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ. އަދި އަރސެނަލްއޮތީ 27 ޕޮއިންޓާއެކު 6 ވަނައިގައެވެ.