ލ. އަތޮޅުގައި ހަދާފައިވާ ހައްދުންމަތީ ބޮޑު މަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުލުހުން އެކިއެކި މުއައްސަސާތަކާއިއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ސައުތު ސެންޓްރަލް ޕޮލިސް އާއި ލ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ބޮޑު މަގު ބޭނުންކުރަން ފެށުމުގެ ކުރިން ޓްރެފިކް ނިޝާންތަކަށް އަހުލުވެރި ކުރުވުމާއި، ހެލްމެޓް އަޅައިގެން ދުއްވުން އަދި ސްޕީޑް ލިމިޓުގައި ދުއްވުމަށް ބާރުއެޅުމާއި، ޕާކިން ޒޯންތައް ބޭނުންކުރުމުގެ އުސޫލު ތަކާ ގުޅޭގޮތުން ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން އެ މަގު ބޭނުންކުރަން ފެށުމާއެކު ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބަދަލާއި ގުޅިގެން މުޅި ސަރަހައްދުގެ މަގުތަކުގެ ތަރުތީބު ހިފެހެއްޓުމާއި އާންމުންގެ ރައްކާތެރިކަން ދާއިމަށް ދެމިގެންދާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ފުލުހުން ބުނީ މަގު ހުޅުވުުގެ ކުރިން މަގާއި ގުޅޭގޮތުން ހެދިފައިވާ ގަވައިދުތައް އާންމުންނާއި ހިއްސާކޮށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ ލ. އަތޮޅުގެ ކައުންސިލްތަކާއި ގުޅިގެން ކަމަށެވެ.