މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި އަންނަނީ ކުރަމުންނެވެ. އަދި ބެލެވޭ ގޮތުގައި މުޅި އެ ސަރަހައްދުގައި ތާރުއަޅަން މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވޭ އިރު، މިހާރު ވަނީ ތާރު މިކްސްކުރާ މެޝިންވެސް އެ ސަރަހައްދަށް ގެންގޮސްފައެވެ.
އެހެންނަމަވެސް މިކަމާއިބެހޭގޮތުން ހައުސިންގ މިނިސްޓްރީ އަދި އެމްޓީސީސީގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމަށް ހަދާ އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، ސަރުކާރުން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މި މަޝްރީޢަށް ޚަރަދު ކޮށްފައެވެ.
އަދި މި މަޝްރޫއު މިދިޔަ މަހުގެ 26 އަށް ހުޅުވަން ނިންމާފައި އޮތް ނަމަވެސް އެ މުއްދަތަށް ވަނީ މަސައްކަތް ނުނިމަފައެވެ.
މާލޭ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރުއަޅަން ފަށާފައިވާ އިރު، މިއީ މާލޭގެ މަގެއްގައި ތާރުއަޅާ ފުރަތަމަ ފަހަރެވެ.