އދ މަހިބަދޫގައި ފުލުހުން ހިންގި ރެޑީ ކޭމްޕް ނިންމާލައިފި

އދ މަހިބަދޫގައި ފުލުހުން ހިންގި ރެޑީ ކޭމްޕް ނިންމާލައިފި އެވެ.

ފުލުހުން ބުނީ ތަރުބަވީ ގިނަ ފިލާވަޅުތަކަކާއި ޙަރަކާތްތަކެއް ހިންގައި ދަރިވަރުންގެ ތަރުބިއްޔަތަށް ނުހަނު ގިނަގުނަ އެހީތެރިކަމެއް ލިއްބައިދިން 46 ވަނަ ރެޑީކޭމްޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވާކަމަށެވެ.

ފުލުހުން ހާމަކުރާގޮތުގައި މިމަހުގެ 18 ން 20 ށް އދ. މަހިބަދޫގައި ކުރިޔަށް ގެންދިޔަ މި ކޭމްޕަކީ ފުރާވަރުގެ ޢުމުރުގެ ދަރިވަރުން ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ޙަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ހިމަނައިގެން ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ.

”ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޭމްޕުގައި ދަރިވަރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދެވިދައި ވޭ، މީގެ އިތުރުން ދުޅަހެޔޮކަން މަތީ ދެމިތިބުމަށް ބޭނުންވާ ކަންކަމަށް ހަށިގަނޑު ހާނުވައި އެފަދަ ކަސްރަތުތައް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައި“ ފުލުހުން ބުނެ އެވެ.

މަހިބަދޫގައި ހުންނަ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާނަވީ ގްރޭޑްތަކުގައި ތަޢުލީމު ޙާޞިލްކުރާ 69 ދަރިވަރުން ބައިވެރިވި މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު އެސްކޫލުގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނޯތޮ އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އެވެ.

މި ރަސްމިއްޔާތުގައި ކޭމްޕުގެ ބައިވެރިންނާއި މުދައްރިބުންނާއި މަހިބަދޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވެރިންނާ މުދައްރިސުންނާ ބެލެނިވެރިން ބައިވެރިވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *