ދިވެހި ސަރުކާރުގެ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ތައްޔާރު ކުރި ތަހުގީގީ ރިޕޯޓަށް ސަރުކާރުގެ ފަރާތުން ދައްކާނެ ވާހަކައެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ދުވަހަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ އެ ރިޕޯޓާއި ގުޅޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނަންނަ ބޭނުން ނުވާ ކަމަށެވެ.
”މިވަގުތު ކޮމެންޓެއް ނެތް“ މުއާޒު މެސެޖަކުން ވިދާޅުވި އެވެ.
ނަމަވެސް ރައިސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސެއިން ޝިހާބު މީޑިއާގައި ވިދާޅުވެފައިވަނީ އެ ރިޕޯޓަށް ކޮމެންޓެއް ހޯދަން ރައީސް އޮފީހަށް ގުޅާފައިނުވާ ކަމަށެވެ. ރައީސް އޮފީހުގެ އެހެންއޮފިޝަލަކު ވިދާޅުވެފައިވަނީ އަލްޖަޒީރާގެ ނޫސްވެރިން ރާއްޖެ އައިކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެނޫސްވެރިން ބޭނުންވެގެން ބައެއް ކަންކަން ރައީސް އޮފީހުން ކޮށްދެއްވި ކަމަށެވެ.
ސަރުކާރުގެ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ތައްޔާރު ކުރި ތަހުގީގީ ރިޕޯޓު ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ.
މި ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ލަންޑަންގައ ހިމާޔަތް ހޯދައިގެން ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ދައުވަތުދެއްވާފައި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައ އެ ރިޕޯޓު ހެދުމަށް މައުލޫމާތު ހޯދުމަށް އަލްޖަޒީރާގެ ޓީމް ވަނީ އެތައް ފަހަރަކު ރާޢްޖެ އައިސްފައި އެވެ. އަދި މައިލޫމާތު ހޯދި ބޭފުޅުންގެ ތެރޭގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ހިމެނެ އެވެ.