މާލޭގެ ދެ ސަރަހައްދެއްގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދަން ހައުންސިންގ މިނިސްޓްރީން އިއުލާންނުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން އެދޭ ދެ ސަރަހައްދެއްގައި އަމިއްލަ ތަކެތީގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ވެންޑިން މެޝިން ބަހައްޓަން ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ ގައުމީ ދާރުލްއާސާރު ކަންމަތީގައި ތަރައްގީކުރަމުންދާ މައިޒާނުގައާއި ސޯސަންގޭގެ ބައެއްގައި ތަރައްގީކުރަމުން ގެންދާ މައިޒާނުގަ އެވެ.
މިނިސްޓްރީން ބުނީ މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގައި ހައުސިން މިނިސްޓްރީގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން 2005 ވަނަ އަހަރުވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި ވެންޑިން މެޝިން ބަހައްޓާފައި އެވެ. އެ ދުވަސްވަރު ވެންޑިން މެޝިން ބަހައްޓާފައި ހުރީ ގަލޮޅު މަދަރުސާ ކައިރީގައި އާއި ގަލޮޅު ދަނޑު ކައިރީގައި އެވެ.
ވެންޑިން މެޝިނަކީ ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ މެޝިނުތެރެއަށް ލުމުން ލުއި ކާނާ އާއި ތަފާތު ވައްތަރުގެ ލުއި ބުއިންތައް ލިބޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެޝިނެކެވެ.