ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބު ކުރާނެ ކައުންސިލަރުންގެއަދަދަު ކަނޑައަޅާ ނިމުމަކާއި ގާތްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް މިއަދު ދުވަހަށް ވިދާޅުވީ އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު ކަނޑައަޅާ ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު ހާމަ ކުރާނީ ހުރިހާ މަސައްކަތެއް ނިމުމުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް މަދު ކަމަށެވެ.
ކައުްސިލްތަކަށް އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަަދަދު ކަނޑައެޅުމުގެ މަސައްކަތް އީސީން ފެށީ ރަށްރަށުގެ ކައުންސިލްތަކުން އެ ރަށެއްގެ އާބާދީގެ ލިސްޓެއް އެ ކޮމިޝަނަށް ފޮނުވުމުންނެވެ. އަކްރަމް ވިިދާޅުވީ މިހާރު ހުރިހާ ރަށެއްގެ އާބާދީގެ ލިސްޓު ލިބިފައިވާ ކަމަށެވެ.
”ރަށު ކައުންސިލްތަކުން އާބާދީގެ ލސްޓު ލިބުމުން މިިހާރު ކެންިޑޭޓުން އިންތިހާބު ކުރަންޖެހޭ އަދަދު ކަނޑައަޅާ މިިވަނީ ގާތްގަނޑަކަށް ނިމިފަ. އޮކްޓޯބަރު މަހު އިންތިހާބު އިއުލާން ކުރުމާއި ގާތްވީމަ ފައިނަލް ލިސްޓެއް އާންމު ކުރެވޭވަރުވާނީ،“ އަކްރަމް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސް 3000 މީހުންނަށްވެސް ދަށް އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިހާބު ކުރުމަށް މަޖިލީހުން ފާސް ކުރި އެވެ.
އަދި އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށް ވެސް ނިންމި އެވެ. އޭގެ އިތުރުން ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން ކައުންސިލަރުން ކަމަށް ވަނީ ނިންމާފައި އެވެ.
ކައުންސިލް އިންތިހާބަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން އަކްރަމް ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓަށް ދިނުމުގެ ކުރިން ނިންމަންޖެހޭ ކަންކަންވެސް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ އަތޮޅުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.