އެމްއެންޑީއެފްގެ ބޭނުމަށް ބަންނަމުން އަންނަ ރިޔަލުދޯނިތަކުގެ މަސައްކަތް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ބައްލަވާލައްވައިފި އެވެ.
ރ އިނގުރައިދޫގައި ކުރިއަށްދާ މި މަސައްކަތް ޑިފެންސް މިނިސްޓަރު ބައްލަވާލެއްވީ މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް، އެމްއެންޑީއެފް ނޮދަން އޭރިއާ މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގަ އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރު ފައްޓާފައިވަނީ އިއްޔެ މެންދުރުފަހު ވަގުގެއްގަ އެވެ.
”އިއްޔެ މެންދުރުފަހު ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން، އެމްއެންޑީއެފް ނޮދަން އޭރިއާގައި ހުންނަ ސިފައިންގެ މަރުކަޒު، ޅ.މާފިލާފުށީ ޕޯސްޓަށް ދެ ބޭފުޅުން މިއަދު ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައި، އަދި، ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، މިހާރު އެތަނުގައި ކުރިއަށްދާ ތަމްރީނުތައް ބައްލަވާލައްވައި، ތަމްރީނުތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވި“ އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފަށް ފަސް ރިޔަލު ދޯނި ގަންނަން ދެ ފަހަރަކަށް އިއުލާނުކޮށްފައިވާއިރު އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.