ގދ. ފަރެސްމާތޮޑާގެ ފިހާރައަކުން ވައްކަންކޮށްގެން ނުކުތް މީހަކު އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ 15:35 ހާއިރު ފިހާރައަށްވަދެ އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާތަކެއް ވަގަށް ނަގައިގެން ނުކުންނަން އުޅެނިކޮށް އެވަގުތު އެ ފިހާރަކައިރީގައި ތިބި އާއްމު ރައްޔިތުންގެ ބަޔަކަށް ފެނިގެން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން ކަމަށް ފުލުހުން ބުނެ އެވެ.
”މިމީހާ ހިފެއްޓުމާއެކު އޭނާގެ އަތުގައި އެވަގުތު ހުރި 2900 އަށްވުރެ ގިނަ ރުފިޔާތައް ވަނީ އޭނާ އެވުތު ހުރިދިމާ ބިންމައްޗަށް އުކާލާފައި“ ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ވާކަމަށެވެ.