ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ސްރީލަންކާގެ ރީތީގެ ރާނީ ޖެކޮލިން ފެނާންޑޭޒް ފިލްމެއްގައި ދެން އެންމެ ކުޅެން ބޭނުންވަނީ ނުބައިބައި މީހެއްގެ ރޯލު ކަމަށް އޭނާ ބުނެފި އެވެ.
ގައިގޯޅި ރޯލުތައް ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ ޖެކޮލިން އޭނާގެ ހަތް އަހަރުވީ ބޮލީވުޑް ކެރިއަރުގައި ބައެއް މަޖާ ފިލްމުތައް ކުޅެފައިވެ އެވެ. އޭނާ ލީޑްރޯލް އަދާކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަލާދިން، ކިކް އަދި ހައުސްފުލް ގެ ފިލްމުތައް ހިމެނެ އެވެ.
އިންޑިއާގެ ނޫހަކުން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ މިހާތަނަށް ނިކުތް އޭނާގެ ފިލްމުތަކުގައި މުޅިންވެސް ކުޅެވިފައި ހުރީ އެއް ފާޑެއްގެ ރޯލުތަކެއް ކަމަށެވެ. އެހެންވެ ތަފާތު ރޯލެއް ކުޅުމުގެ ގޮތުން ނުބައިބައި މީހެއްގެ ރޯލަކީ މިހާރު ފިލްމެއްގައި އެންމެ ކުޅެން ބޭނުންވާ ރޯލު ކަމަށް ޖެކޮލިން ބުންޏެވެ.
މިމަހު 25 ގައިވެސް ޖެކޮލިންގެ ފިލްމެއް ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. ’އަ ފްލައިން ޖެޓު‘ ކިޔާ އެ ފިލްމުގައި އޭނާ އާއި އެކު އުޅެނީ ޓައިގާ ޝްރޯފް އެވެ. އެ ފިލްމަކީ ހިޔާލީ ކަންތައްތަކެއް ހިނގާ، ސުޕާ ހީރޯއިންގެ ރޯލުތަކެއް ފެނިގެންދާ ފިލްމެކެވެ.
އެ ރޯލާއި ބެހޭގޮތުން އޭނާ ބުނީ ހިތްހަމަ ޖެހޭ ކަމަށާއި ޕަރީންނަށާއި ޖާދޫ ހެދުމާއި ސުޕާ ހީރޯއިންގެ އެކްޓަކީވެސް އޭނާ ކުޅޭ ހިތްވާ ރޯލުތައް ކަމަށެވެ.
މީގެ އިތުރުން ޖެކޮލިން ބުނީ ހޮލީވުޑްގައި މަސައްކަތް ކުރަންވެސް ތައްޔާރު ކަމަށެވެ. އަދި ހޮލީވުޑްގައި ފިލްމެއް ކުޅެން އެންމެ ބޭނުންވަނީ އޭނާ ކުޑަ އިރުގެ އެންމެ މަގުބޫލު ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އާއި އެކު ކަމަށެވެ.