ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ މިއަހަރުގެ ފެއާ މާދަމާއިން ފެށިގެން މިމަހުގެ 24 އާއި ހަމަޔަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެ އެވެ.
”ދިވެހިއެކްސްޕޯއިން“ އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ކުރިއަށް ގެންދާ މިފެއާ ގައި މާދަމާ އޮންނާނީ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖެކެވެ. މިޗެލެންޖަށް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ދިވެހި އެކްސްޕޯ ގެ އޮފިޝަލަކު ވިދާޅުވިއެވެ.
”ގާތްގަނޑަކަށް 450 ބައިވެރިން ކަލިނަރީ ޗެލެންޖުގައި ބައިވެރިވޭ“ އޮފިޝަލް ވިދާޅުވި އެވެ. މިޗެލެންޖުގައި ރާއްޖޭގެ 50 އަށް ވުރެ ގިނަ ރިސޯޓުތަކާއި ހޮޓެލް ތަކުގެ ޝެފުން ބައިވެރިވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
”އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ“ ރާއްޖޭގައި ތިބި މަޝްހޫރު ޝެފުންގެ ހުނަރު ދައްކުވައިދޭ ކެއްކުމުގެ ބޮޑު މުބާރާތެކެވެ. އަދި މި މުބާރާތުގެ ޖަޖުކަން ކުރަނީ މި ދާއިރާގައި މަޝްހޫރު މީހުންނެވެ.
އެފްއެޗްއޭއެމް ފެއާއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އުފެދުންތައް ވިއްކާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ ފެއާ އެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ކުންފުނިތަކުން ބައިވެރިވެ އެވެ.
ފުޑް އެންޑް ހޮސްޕިޓަލިޓީ ފެއާ މިފަހަރު ހުޅުވެނީ 120 ސްޓޯލާއި އެކުއެވެ.