ބ. އަތޮޅުން މިދިޔަ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް އަތޮޅު ކައުންސިލު އިދާރާއިން ރޭ އެވޯޑް ދީފި އެވެ.
ރަންނާ އެވޯޑް” ދިނުމަށް ރޭ ބޭއްވި ޖަލްސާގައި މި އެވޯޑް ވަނީ އެންމެ ރަނގަޅު ރަށު ކައުންސިލްތަކުގެ އިތުރުން އެންމެ ރަނގަޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަދި ރިސޯޓްތަކަށްވެސް ދީފަ އެވެ.
ބ އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކުގެ ތެރެއިން އެއް ވަނަ ކައުންސިލަކަށް ހޮވުނީ ކުޑަރިލު ކައުންސިލެވެ. ދެވަނަ ކައުންސިލަކަށް މާޅޮހު ކައުންސިލް ހޮވުނުއިރު ތިން ވަނަ އަށް ހޮވުނީ ގޮއިދޫ ކައުންސިލެވެ.
އެއްވަނަ ކައުންސިލަށް ފައިސާގެ އިނާމުގެ ގޮތުގައި 50000ރ ދީފައިވާއިރު ދެވަނަ ކައުންސިލަށް 30000 އަދި ތިންވަނަ ކައުންސިލަށް ދީފައިވަނީ 20000 ރުފިޔާ އެވެ.
ބ. އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮތުގައި، ހޮވުނީ، ކުޑަރިކިލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. އެކޮމިޓީއަށް އެވޯޑްގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި 25000ރ ދީފައިވެ އެވެ.
މީގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓްތައްވެސް ވަނީ ހޮވައި އެވޯޑް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދުސިޓް ތާނީ މޯލްޑިވްސްއާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

ވަނަތަކަށް ހޮވުނު ކައުންސިލްތަކަށާއި އަންހެނުން ކޮމެޓީ އަދި ރިސޯޓްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ޙުސައިން އަދި ޕަބްލިކް ސަރވިސް މީޑިޔާގެ ޗީފް ކޮންޓެންޓް އޮފިސަރު އިބްރާޙީމް ރަޝީދުއެވެ.
ރަންނާ އެވޯޑަކީ، ބ.އަތޮޅަށް ދިގުމުއްތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި ޚިދުމަތްތައް ތަފާތު ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުގެ ގޮތުން ކައުންސިލުން ދެއްވާ އެވޯޑެކެވެ. މި އެވޯޑުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ ބ.އަތޮޅަށް ދިގުމުއްތަކަށް ޚިދުމަތްކުރެއްވި ބ. ތުޅަދޫ އިބްރާހިމް ޒުބައިރު އަށާއި އޭދަފުށި އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު އަށެވެ.

ރަންނަ އެވޯޑު ދިނުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައްކޮށް، ބ. އަތޮޅަށް ރީތި ނަން ހޯދައިދީގެން 37 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަންނާ އެވޯޑް ހަފްލާގައި ރަނގަޅު ކައުންސިލްތަކަށް އެވޯޑް ދޭން ވަނީ ހަމަޖެހިފަ އެވެ.
(އެޑިޓަރުގެ ނޯޓް: މި ހަބަރަކީ ބ އަތޮޅުގައި ހިންގަމުން އަންނަ ނޫހެއް ކަމަށްވާ ،އޭދަފުށި ޓައިމްސްގައި ލިޔެފައިވާ ހަބަރެކެވެ.)