މޯލްޑިވްސް ގެޓްއަވޭޒްގެ ފަރާތުން ގެސްޓްހައުސް އިންޑަސްޓްރީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން މިއަދު ހަވީރު ބޭންކް އޮފް މޯލްޑިވްސް ގައި ބޭއްވުނު ”ޕާޓްނަރޝިޕް ސައިނިންގް ސެރެމޮނީ“ ގައި ބީ.އެމް.އެލް ގެ ފަރާތުން ސޮއެ ކުރެއްވީ ބީ.އެމް.އެލް ގެ ސީ.އީ.އޯ އެންޑްރިއު ހީލީ އެވެ. އަދި މޯލްޑިވްސް ގެޓްއަވޭޒް ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އިން ބިޒްނަސް ޑިވެލޮޕްމެންޓް ޑރ. ޙުސެއިން ސަނީ އުމަރު އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީ.އީ.އޯ އެންޑްރޫ ހީލީ ވިދާޅުވީ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރުކަން ބީއެމްއެލްއިން ނެގުމަކީ ބީ.އެމް.އެލްް އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައެވެ ،
މޯލްޑިވްސް ގެޓްއަވޭސް ގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ އިން ބިޒްނަސް ޑިވެލޮޕްމެންޓް ޑރ. ޙުސެއިން ސަނީ އުމަރު ވިދާޅުވީ އެކޮންފެރެންސް ގެ އަމާޒަކީ ރާއްޖޭގެ ގެސްޓް އިންޑަސްޓްރީ ކުރިއަށް ދާއިރު މިކަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން 2020 އަންނަން ވާއިރު ފަސް ލައްކަ ޓޫރިސްޓުންގެ ސަމާލުކަން ހޯދުން ކަމަށެވެ. މީގެއިތުރުން ޑރ. ހުސެއިން ވިދާޅުވީ މިހާރުވެސް ގާތްގަނޑަކަށް 500 އެއްހާ ގެސްޓްހައުސް އާއި ފަސް ހާސް އެނދާއި 80 ވަރަކަށް ގެސްޓްހައުސް އެކި ރަށްރަށުގައި ހުރި ކަމަށެވެ.
”އަޅުގަނޑުމެންގެ ޓާގެޓަކީ އަޅުގަނޑުމެން މިދާ އިންޓަރނޭޝަނަލް ފެއާ ތަކަށް ގޮސް، ރާއްޖޭގެ ގެސްޓްހައުސްތަށް އިޝްތިހާރު ކުރުން. އަދި އެފަދަ މަސައްކަތް ތަކެއް މޯލްޑިވްސް ގެޓްއަވޭސް ގެ ފަރާތުން ކުރަމުން މިދަނީ“ ޑރ.ޙުސެއިން ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޑރ.ހުސެއިން ސަނީ އުމަރު ވިދާޅުވީ މޯލްޑިވްސް ގެޓްއަވޭސް ގެ ”އުންމީދަކީ މި ކޮންފަރެންސްގެ ސަބަބުން ވަރަށް ބޮޑެތި އެހީތަކެއް ބެންކް އޮފް މޯލްޑިވްސް އަށާއި ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީ އަށް ލިބިގެން ދާނެ“ ކަމަށެވެ.