އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އެޑިއުކޭޝަނަލް އެސެސްމެންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ކޯހެއް ފެށުމަށް ނިންމާ މިދާއިރާއިން ކިޔެވުމަށް ޓީޗަރުންނަށް ސްކޮލޮޝިޕް ދީފި އެވެ
ކަލާފާން ސުކޫލުގައި ރޭގެ ވަގުތެއްގައި ބޭއްވި މިރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އަދި މިކޯސް އިފްތިތާހް ކޮށްދެއްވީ ވެސް އެކަމަނާއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކޯހަކީ ސުކޫލުތަކުގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ދަށުން ފަށާ ކޯހެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިފަދަ ކޯހެއް ފަށަން ނިންމީ ސުކޫލުތަކުގެ ކިޔަވައިދިނުމާއި، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ވަޒަންކުރުމުގެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާއެކު ތައުލީމީ ދާއިރާއާއި ގުޅުންހުރި ތަފާސް ހިސާބުތައް އެކުލަވާލާ ޝާއިއު ކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ކަމަށެވެ.
ގައުމީ ޔުނިވަސިޓީގައި މިމަހުގެ 10 ވަނަ ދުވަހު މި ކޯހުގެ ފުރަތަމަ ބުރު ވަނީ ފެށިފައެވެ. މިކޯހަކީ 18 މަސް ދުވަހަށް ތިން ސެމެސްޓަރ އަކަށް ބަހާލައިގެން ކުރިއަށްގެންދާ ކޯހެކެވެ. ކޯހުގެ ފުރަތަމަ ބުރުގައި 22 މީހުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް ފުރަތަމަ ބުރުގައި ކިޔަވަމުން ދަނީ 17 މީހުންނެވެ. ކޯހަށް ހޮވުނު ކުދިންގެ ޓިއުޝަން ފީގެ ހުރިހާ ކަމެއް ވޯލްޑް ބޭންކް ގެ އެހީގައި ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިކޯހުގެ ބައިވެރިން ވަޒީފާގައި ތިބެގެން ކިޔެވުމަށްޓަކައި ޕޭލިވް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށް ވެސް އމިނިސްޓރީން ވަނީ ބުނެފައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝިހާމް އިތުރަށް ވިދާޅުވީ ސުކޫލުތަކުގެ ތައުލީމީ ހާލަތު ބަލައި ވަޒަންކުރުމަށް ހަދަމުންދާ ރިވިއުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށް މަަސައްކަތް ކުރަމުންދާ ކަމަށާއި މީގެއިތުރުން ޕްރައިމަރީ މަރުހަލާގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ނެޝެނަލް އެސެސްމަންޓްގެ މަސައްކަތުގެ ރިޕޯޓް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށެވެ.