މިއަހަރުގެ ގައުމީ އިނާމަށް 77 ފަރާތެއް އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް 58 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހު އެވެ.
ގައުމީ އިނާމަކީ ދިވެހި ގައުމާއި، މުޖްތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުން އަދި މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދޭ އިިނާމެކެވެ.
ހާއްސަ އިނާމަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަން އަދި އުފެއްދުންތެރިކަމާއި، އިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ރައީސް އޮފީހުން ބުނީ މިއަހަރުގެ ގައުމީ އިނާމާއި ހާއްސަ އިނާމުދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަފްލާގައި ކަމަށެވެ.