މި އަހަރުގެ ޙައްޖު ކޯޓާ ލަސްވުމުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދާ ގްރޫޕުތަކުގެ ކަންބޮޑުވުންތައް ބަންޑުން ޖަހާލައިފިއެވެ.
އެ ގްރޫޕުތަކުން ބުނީ ހައްޖު ކޯޓާ ހަމަޖެހުންލެއް ލަސްވުމުން ހައްޖުވެރިންނަށް ދޭން ކުރިން އެއްބަސްވެފައިވާ ބައެއް ހިދުމަތްތައް އެގޮތަށް ނުދެވިދާނެ ކަމަށެވެ. އެގޮތުން ހައްޖު ކޯޓާ ލިބުނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށާއި ކޯޓާ ލިބިގެން ތައްޔާރީތައް ވާން ބެލި އިރު ހުށައެޅި ޕުރޮޕޯސަލްގައި ބުނެފައިވާ ގޮތަށް ކަންކަން ހަމަނުޖެއްސޭނެ ކަމަށް އެ ގްރޫޕުތަކުން ބުނެއެވެ.
ރާއްޖެއިން މީހުން ޙައްޖަށް ގެންދާ ޖަމާޢަތެއް ކަމަށްވާ އެކްރޯ ގްރޫޕުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޕްރޮޕޯސަލްގައިވާ ގޮތަށް ފަސް ތަރީގެ އެކޮމެޑޭޝަން ހަމަނުޖެހުމާއި ހުރިހާ ހައްޖުވެރިން އެއް ފުލައިޓެއްގައި ހައްޖަށް ދިއުމާއި ކެއުމުގެ ކަންކަމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި ބޮޑަށް މަސައްކަތް ކުރާނީ އެއްވެސް ދަތުކަމެއް ނައިސް ކުރިއަށް ގެންދެވޭތޯ ކަމަށާއި އެހެންނަމަވެސް ދަތިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެކަންކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
އެ ގްރޫޕުން މި އަހަރު ޙައްޖަށް ދާ މީހުން މާދަމާ ފުރުމަށް ނިންމާފައިވާ އިރު، އަމިއްލަ ފަސް ޖަމާއަތުގެ ހަވާލުގައި ޖުމުލަ 1000 މީހުން މި އަހަރު ހައްޖަށްދާނެއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1000 މީހުން ހައްޖަށްދެއެވެ.
ދެހާސް މީހުންގެ ކޯޓާ މިފަހަރު ރާއްޖެއަށް ލިބުނު އިރު ފުރަތަމަ ހަމަޖެހުނީ 1000 ކޯޓާ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، މިހާރު ވަނީ 2000 ކޯޓާ ލިބުކަން ޔަގީންވެފައެވެ.