އެންޓި ބުލީން ސޮސައިޓީ އޮފް މޯލްޑިވްސް (އެބްސް މޯލްޑިވްސް) އިން ވިލިމާލޭ ގައި ހުންނަ މުޙްޔިއްދީން ސްކޫލާއި ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް، ގަނާކުރުން ނުވަތަ ބުލީކުރުމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނަގާދީފިއެވެ.
މި ސެޝަންތައް ކުރިއަށް ދާނީ މިމަހު 16ން ފެށިގެން 18ގެ ނިޔަލަށް މުޙްޔިއްދީން ސްކޫލް ގައެވެ. މި ހަރަކާތުގައި ކޮންމެ ދުވަހަކުވެސް ދެ ގްރޭޑެއްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު މިއަދު މި ހަރަކާތް ހިންގިފައިވަނީ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށެވެ. މާދަމާ ގްރޭޑް 6 އަދި 7 ގެ ކުދިންނަށް ހޭލުންތެރިކުރުމުގެ ސެޝަން ނަގައިދިނުމަށް ފަހު ބުރާަސްފަތި ދުވަހު ގްރޭޑް 4 އަދި 5 ގެ ކުދިންނަށްވެސް މިހަރާކަތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިދުވަސްވަރަކީ ގްރޭޑް 10ގެ މޮކް އެގްޒާމް ދުވަސްވަރުކަމުން ގްރޭޑް 10 ގެ ދަރިވަރުންނަށް މި ސެޝަން ހިންގުމަށް އަދި ވަކި ތާރީޙެއް ކަނޑައެޅިފައެއްނުވެއެވެ.

މީގެ އިތުރުން އެބްސް މޯލްޑިވްސް އިން ވަނީ މިފަދަ ސެޝަން ތަކެއް ކާފު އަތޮޅު ސްކޫލް (ކާށިދޫ ސްކޫލް) ގައި ވެސް މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ނަގާދީފައެވެ. އެސްކޫލްގައި މިސެޝަންތައް ނަގާދީފައިވަނީ ގްރޭޑް 7 އިން ފެށިގެން 10 ގެ ދަރިވަރުންނަށް ކަމަށް ”ދުވަސް“ އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެންޓި ބުލީއިންގް ސޮސައިޓީ އޮފް މޯލްޑިވްސް (އެބްސް މޯލްޑިވްސް) އުފެދިފައިވަނީ 17 ސެޕްޓެމްބަރ 2015 ގައެެވެ. މިޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ދިވެހި މުޖްތަމަޢުގައި އަށަގެންފައިވާ ގަނާ ކުރުމުގެ ނޭދެވޭ ޢަމަލު ހުއްޓުވުމަށް މަސައްކަތް ކުރުމެވެ. އަދި ހަމަ އެހެންމެ ގަނާކުރުމަށް މަގުފަހިފާ އެންމެހާ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމެވެ. މިމަސައްކަތްތަކުގެ ތެރޭގައި ކައުންސިލިންގް ގެ ފަރުވާ ދިނުމާއި، ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމް ތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.