ދިރާގުން ދިވެހި ރެޑް ކްރެސެންޓަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

އިންސާނިއްޔަތަށްޓަކައި ފޯރުކޮށްދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް އެއް އަހަރުދުވަހުގެ މުއްދަތަށް ރެޑް ކްރެސެންޓުގެ ކޯރޕޮރޭޓް މެމްބަރެއްގެގޮތުގައި ބައިވެރިވެ، ދިރާގުން މެމްބަރޝިޕް ފީގެ ގޮތުގައި ބައިލައްކަ ރުފިޔާ ދިވެހި ރެޑް ކްރެސެންޓަށް ދީފައެވެ.

ކޯރޕޮރޭޓް މެމްބަރޝިޕްގައި ސޮއިކުރުމަށްޓަކައި މިއަދު ދިރާގު މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިސަބެލް ހަޖްރީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓަކީ އިންސާނިއްޔަތަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތަށް ވެފައި، އެފަރާތާއެކު ދިރާގުން އަތާއަތް ގުޅާލައިގެން  މަސައްކަތްކުރަން ލިބުމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.

އަދި ދިރާގުން ރެޑް ކްރެސެންޓް ގެ ކޯޕަރޭޓް މެމްބަރަކަށް ވުމަށް ނިންމާފައިވަނީ ދިރާގުގެ އިޖުތިމާޢީ ޒިންމާ ޕްރޮގްރާމްގެ ދަށުން ކަމަށާއި ރެޑް ކްރެސެންޓުން ދިރާގަށް ދެއްވި މި ފުރުޞަތަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ކުރިއަށް އޮތްތާނގައިވެސް ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ކުރައްވާ އަގުހުރި މަސައްކަތަށް ދިރާގުން އެއްބާރުލުން ދެއްވާނެކަމަށްވެސް އިސަބެލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެމްބަރަކަށްވުމަށް ދިރާގުން އިސްނެގިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކުރިޔަށް އޮތްތާނގާ އިތުރު ޚިދުމަތްތަކާއި އެކު ދެފަރާތުގެ ގުޅުން ވަރުގަދަ ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދިރާގަކީ އިންސާނިއްޔަތަށްޓަކައި ކުރާ ޚިދުމަތްތަކުގައި ބައިވެރިވުމަށް އެހެން ކުންފުނިތަކަށް ނަމޫނާއަކަށް ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުން މިއަދު ރެޑް ކްރެސެންޓުގެ ކޯރޕޮރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވި ޚިދުމަތްތަކެއް  ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅި ފުރަތަމަ ބިންގަލެވެ. ދިވެހި ރެޑް ކްރެސެންޓުގެ ކޯރޕޮރޭޓް މެމްބަރޝިޕަކީ ކާރިޘާގެ ވަގުތުގައްޔާއި ޢާންމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

200އަށްވުރެ ގިނަ ދަރުމަވެރިންނާއެކު ރާއްޖޭގެ 20 ރަށެއްގައި ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 3 ދާއިރާއަކުން އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ ސިއްޙަތާއި ދުޅަހެޅޮކަން އިތުރުކުރުމާއި ކާރިޘާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާއި ޒުވާނުންގެ ޤާބިލްކަން އިތުރުކޮށް ބާރުވެރިކުރުމުގެ ދާއިރާއިންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *