އަހަންނަކީ އުފަންވީ އިރު ލޯފަން މީހެއް ނޫނެވެ. އެހެން މީހުންނަށް އެއްޗެހި ފެންނަ ފަދައިން އަހަންނަށް ވެސް ފެނެއެވެ. ދުނިޔޭގައިވާ ތަފާތު ރީތި ކުލަތައް އަހަންނަށް ފެނެއެވެ. އެކުލަތަކާއި ދަޅަތަކަށް އަހަންނަށް މާބޮޑަށް ހެއްލެވުނީ ކަމަށް ވެސް ވެދާނެއެވެ. މިހާރު އަހަރެންގެ ޙަޔާތް މިވަނީ ބަނަވެ، އަނދިރިވެފައެވެ. އަހަންނަށް މިހާރު ކަނު އަނދިރިކަން ނޫން އެހެން އެއްވެސް އެއްޗެއް ނުފެނެއެވެ. މިއީ އަހަންނަށް އުޅެވުނު ގޮތުގެ ޖަޒާ ކަމުގައި އަހަންނަށް ޤަބޫލު ކުރެވެއެވެ.
އަހަންނަކީ އުމުރުން 40 އަހަރުގެ އަންހެނަކީމެވެ. ދިރިއުޅުނީ ރަށުގައި އަހަރެންގެ މަންމައާއި ބައްޕަ އަދި ކޮއްކޮ އާއި އެކު އެވެ. މީގެ ދިހަ އަހަރު ކުރިން އަހަރެން ކައިވެންޏެއް ވެސް ކުރީމެވެ. ލޯބި ލޯބި އަންހެން ދަރިއެއް ވެސް އަހަރެންގެ ހުރެއެވެ. ދަރިފުޅަށް މިހާރު ވާނީ ހަ އަހަރެވެ. ނަމަވެސް އެދަރިފުޅު މިހާރު ހުރީ އަހަރެންގެ ގާތަކު ނޫނެވެ. ދަރިފުޅުގެ އުމުރުން ދެ އަހަރުގައި އަހަރެން ވަރިކޮށްފައި ދަރިފުޅު ގޮވައިގެން އޭނާގެ ބައްޕަ އެރަށަށް ދިޔައީއެވެ. އެއީ އަހަރެންގެ ކުށުންނެވެ. އެއިރު އަހަންނަށް ހުރެވުނީ ޝަޢިޡާނާ އަށް މާބޮޑަށް ތަބަޢާވެވިފައެވެ.
ފިރިމީހާ އަހަރެން ވަރި ކުރީ އަހަރެން އޭނާއަށް ވަފާތެރި ނުވުމުންނެވެ. އޭނާއަކީ ޙަޤީޤަތުގައި ވަރަށް ހެޔޮލަފާ އޯގާތެރި ފިރިއެކެވެ. ފަސް ވަގުތު ނަމާދު ކުރެއެވެ. ބާރަށް މީހަކާއި ދިމާލަށް އެއްޗެއްވެސް ބުނެ ނޫޅެއެވެ. މީހުންނާއި ޒުވާބުކޮށް ނެތިމޮށުމަކީ އޭނާގެ ޡަބީޢަތުގައިވާ ކަމެއް ނޫނެވެ. ވަރަށް ހީވާގި، މުރާލި އަދި ޒިއްމާދާރު ޒުވާނެކެވެ. އެފަދަ ފިރިއެއް ލިބުމަކީ ޙަޤީޤަތުގައި އަނތްބެއްގެ ނަސީބެވެ. ނަމަވެސް އެއިރު އަހަންނަށް އެފަދަ ޡަބީޢަތް ހުންނަ މީހުން ކަމުނުދިޔައީ އެވެ. އަހަރެން ދެކުން ގޮތުގައި އެއީ ވަރަށް ފޫހި ބައެކެވެ. ދިރިއުޅުމުގައި އެއްވެސް ވަރަކަށް މަޖާ ކުރާކަށް އެފަދަ މީހުންނަކަށް ނޭނގޭނެއެވެ. އެހެން ކަމުން އަހަރެން، މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވަން ފެއްޓީ އެވެ. ފިރިމީހާ އަށް ބޭވަފާތެރި ވުމުން އޭނާ އަހަރެން ދޫކޮށްލުމުން ވެސް އަހަރެން ދެރައެއް ނުވިއެވެ. އަދި އޭނާ ދަމުން އަހަރެންގެ ދަރިފުޅު ގޮވައިގެން ދިޔުމުން ވެސް އެއިރަކު އަހަރެންގެ ހިލަ ހިތަކަށް އެއްވެސް އެއްޗެއް ނޭރިއެވެ. އެހާވެސް ބޮޑަށް އަހަރެން ހުރީ ޝައިޡާނާގެ ވަސްވާހަށް ހެއްލިފައެވެ. މިކަމާއިމެދު އަހަރެން އެއިރު ދެރަ ނުވިޔަސް މިހާރު އެހުރިހާ ކަމަކާއި މެދު އަހަރެން ދެރަވެ ހިތާމަކޮށް ލަދުވެތިވަމެވެ.
ފިރިމީހާއާއި ދަރިފުޅު ދިޔުމުން ވެސް އަހަރެން އުޅުނީ އެވިޔާނުދާ ދިރިއުޅުމަށެވެ. އަހަރެން ދެކުން ގޮތުގައި އަހަރެން މިނިވަންވީއެވެ. ބޭނުން ގޮތަކަށް އުޅުމުގެ ލައިސެންސް ލިބުނީއެވެ. އެހެން ކަމުން ފިރިމީހާ އަހަރެން ވަރިކުރިތާ ތިން މަސް ވެސް ނުވަނީސް އަހަރެން އެހެން މީހަކާއި އެކު ލޯބީގެ ގޮތުން ގުޅުނީމެވެ. އޭނާ އާއި އެކު އެއް އަހަރު އުޅުނީމެވެ. ކައިވެނި ކުރަން އެދުމުން އޭނާ އަބަދުވެސް ކޮންމެވެސް ބަހަނާއެއް ހެދިއެވެ. މަސައްކަތް ކޮއްގެން ގިނަ ފައިސާ އެއްކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ. އެކަމުގައި އެހީތެރި ވާން އަހަރެންވެސް ފިހާރައެއްގައި ވަޒީފާ އަދާ ކުރަން ގޮސް ލާރި އެއްކުރަން ފެށީމެވެ. ކައިވެންޏަށް ތައްޔާރު ވުމަށެވެ.
އެގޮތުގައި އުޅެނިކޮށް، އެއްދުވަހު އަހަރެން ފިހާރާގއި އިންދާ، ރައްޓެއްސަކު ގުޅާފައި ބުނީ އަހަރެންގެ ލޯބިވެރިޔާ އެހެން އަންހެނަކާއި އެއްކޮށް ގައިގޯޅިވެގެން އަހަރެންގެ ގެއަށް ވަންނަނިކޮށް ފެނުން ކަމަށެވެ. ގޭގައި އެދުވަސްކޮޅު އެއްވެސް މީހެއް ނޫޅެއެވެ. މަންމަ އާއި ކޮއްކޮ އެއިރުވީ މާލެ ގޮސްފައެވެ. އަދި އެވަގުތަކީ ބައްޕަ މަހައް ގޮސް އުޅުން ވަގުތެވެ. އަހަރެންގެ ކޮޓަރީގެ ޑަބަލް ތަޅުދަނޑި ލޯބިވެރިޔާ އަތުގައި ވާނެއެވެ.
ލޯބިވެރިޔާ އާއި ބެހޭ ގޮތުން އެފަދަ ވާހަކައެއް ބުނުމުން ފުރަތަމަ އަހަންނަށް އެވާހަކަ ޤަބޫލުވެސް ނުކުރެވުނެވެ. ނަމަވެސް އަހަރެންގެ ރަހްމަތްތެރިޔާ އޭނާ އާއި ބެހޭ ގޮތުން ކޮންމެހެން ދޮގު ހެދުމުގެ ބޭނުމެއް ވެސް ނެތްކަން އަހަންނަށް އެނގެއެވެ. އަހަރެން ނިންމީ ޙަޤީޤަތް އަމިއްލައަށް ހޯދާށެވެ. ފިހާރަ ތަޅުލާފައި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ގެއަށް ވަތްކަން އެކަކަށްވެސް ނޭނގޭ ވަރަށް ވަދެ، މަޑުމަޑުން ކޮޓަރިއާއި ދިމާލަށް ދިޔައީމެވެ. އަދި އަހަރެންގެ އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލާފައި އެތެރެ ބަލާލި އިރު، ފެންނަމުން ދިޔަ މަންޒަރުން އަހަރެންގެ ހިތް ކުދިކުދިވެ މުޅި ދުނިޔެ ހުއްޓުން ކަހަލަ އެވެ. ލޯބިވެރިޔާ އޮތީ އަހަރެންގެ ކޮޓަރީގައި، އަހަރެންގެ އެނދުމަތީގައި އެހެން އަންހެނެއް ގޮވައިގެންނެވެ. ދެމީހުން ތިބީ ބަރަހަނާކޮށް ނޫން ކަމުގައި ވިޔަސް، ތިބީ ގައިގޯޅި ވެގެންނެވެ. އަދި އަހަރެން ފެނުމުން ދެމީހުން ވެސް އަވަސްވެ ގަތީ ކޮޓަރިން ނިކުމެގެން ދާންށެވެ.
އަހަރެން އެމީހުން ހިފަހައްޓާ، މިފަހަރު ދުލެއް ނުކުރާނަމޭ ފުލުހުންނާއި ހަވާލު ކުރާނަމޭ ބުނެ ފޯނު ނަގައިގެން ގުޅަން އުޅެނިކޮށް އަހަރެންގެ ލޯބިވެރިޔާ އަހަރެން އަތުން ފޯނު ޖަހައިގަނެ، ފޯނު ހަލާކު ކޮއްލިއެވެ. އަދި އެދެމީހުން އެތަނުން ނިކުމެގެން ދުއްވައިގަތެވެ. ހޭބުއްދި ފިލާފައި ހުރި މީހެއް ފަދައިން އަހަރެންވެސް އެމީހުންގެ ފަހަތުން ދުއްވައި ގަތީމެވެ. ވަލު ތެރެއިން އަހަންނަށް ލޯބިވެރިޔާ އަތު ޖެހުނެވެ. އޭނާ ގައިގާ ތަޅަން ފެށުމުން އޭނާ ވެސް ރުޅި އަިއސްގެން އަހަރެންގެ އިސްތަށި ގަނޑުގައި އތުހުރި ކޮޅަށް އަހަރެން ހޫރާލިއެވެ. އަހަރެން ގޮސް ޖެހުނީ ރުކެއްގައެވެ. އަދި ވަގުތުން އަހަރެން ހަބަރުހުސް ވެގެން ވެއްޓުނެވެ.
ހޭވެރި ކަމެއް ވީއިރު އަހަރެންގެ ހަޔާތްވަނީ އަނދިރި ވެފައެވެ. އަހަރެން އެވަގުތު އޮތީ ކޮންތާކު ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް ކައިރިން ބައްޕަ ގެ އަޑޫ އިވުނެވެ. ދެން އިވުނީ އެހެން ފިރިހެނެއްގެ އަޑާއި އަންހެނެއްގެ އަޑެވެ. އެމީހުން ވާހަކަ ދެއްކި ގޮތުން އަހަރެން އޮތީ ހޮސްޕިޓަލުގައި ކަން އަހަންނަށް އެނގުނެވެ. ނަމަވެސް ހޮސްޕިޓަލް ތެރެ އެހާ އަނދިރި ކޮށްފައި ހުރީ ކީއްވެބާ އޭ އަހަރެން ހިތަށް އެރިއެވެ. އަދި އެއްވެސް އެއްޗެއް ނުފެންނަ ތަކެއްގައި އަހަރެން ބާއްވާ، އެފަދަ ތަނެއްގައި ބައްޕަ މެންނަށް ވެސް ތިބެވެނީ ކީއްވެބާއޭ ވެސް ހިތަށް އެރިއެވެ.
”ބައްޕާ! ކީއްވެތަ މިތަން އެހާ އަނދިރީ؟ ބޮކި ދިއްލަބަލަ!“ ބައްޕަ ގާތު އަހަރެން ބުނީމެވެ. އަހަރެންގެ އެ ސުވާލުން މުޅި ކޮޓަރި ތެރެ ހިމޭންވެ ހާސް ވެއްޖެކަން އަހަންނަށް އިހްސާސް ކުރެވުނެވެ. ޑޮކްޓަރުއަށް ވަރަށް ބާރަށް ބައްޕަ ގޮވިއެވެ. އަދި ބަލާލަދީބަލާށޭ ވެސް ބުންޏެވެ. ބައްޕަގެ އަޑު ތުރުތުރު އަޅާކަން އަހަންނަށް ފާހަގަވިއެވެ. ވެގެން އުޅޭ ގޮތެއް އަހަންނަަކަށް ނޭނގުނެވެ. އެވަގުތު ކޮންމެވެސް މީހެއްގެ އިނގިލި އަހަރެންގެ ދެލޮލުގައި ޖެއްސިކަން އަހަންނަށް އިޙްސާސް ކުރެވުނެވެ. ޑޮކްޓަރުން އެމީހުންގެ ބަލިމީހުންގެ ލޯ ޗެކް ކުރާ ފަދައިންނެވެ. އިރު ކޮޅެއް ފަހުން އަހަރެން ގާތު ފިރިހެނެއް އެހީ އެއީ ކިތައް އިނގިލި ތޯ އެވެ. އަހަރެން ހާސްވިއެވެ. ވަރަށް ބޮޑަށް ހާސްވެ ހުރިހާ ތަނެއް ހޯދަން ފެށީމެވެ. ކަނ އަނދިރީގެ ތެރެއިން އިނގިއްޔެއް ފެނޭތޯ އެވެ. ނަމަވެސް އަހަންނަކަށް އެކަން ކާމިޔާބެއް ނުވިއެވެ.
”ބައްޕާ! އަހަންނަކަށް ނުފެނޭ! އެއްވެސް އިނގިއްޔެއް. އެއްވެސް އެއްޗެއް ނުފެނޭ! ހެޔޮ ނުވާނެ ބައްޕާ ތި ބޮކި ދިއްލާދީ! އަހަރެން އެބަ ހާސްވޭ! ބައްޕާ! ހެޔޮނުވާނެ، ބުނޭ އަހަންނަށް މި އެއްވެސް ތަނެއް ނުފެންނަނީ މިތަން އަނދިރި ކޮށްފައި ހުރީމައޭ“ އަހަންނަށް ރޮވުނެވެ. ގިސްލަ ގިސްލާފައި އަަހަރެން އާދޭސް ކުރީމެވެ. އަހަންނާއި އެއްވަރަށް ބައްޕަ ވެސް ރުއި އަޑު އަހަންނަށް އިވުނެވެ. ޙަޤީޤަތް އަހަންނަށް އެނގިފައިވީ ނަމަވެސް، އެޙަޤީޤަތް އަހަރެން ގާތު ބުނާކަށް ބައްޕަ އަކަށް ނުކެރުނެވެ.
އެކަމުގައި އަހަރެން ހިތާމަ ކުރާވަރުން ބައްޕަ ކަންބޮޑުވިއެވެ. އެކި ގޮތްގޮތުން އަހަރެން ހިތްހަމަ ޖައްސާ ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އަހަންނަށް އަނިޔާ ކުރުމުގެ ކުށުގައި ލޯބިވެރިޔާ ހައްޔަރު ކޮއްގެން މާލެ ގެންގޮސްފި ކަމަށް ވެސް ބުންޏެވެ، އަދި ޖަލަށް ލާނެހެން ހީވާ ކަމަށް ވެސް ބައްޕަ ބުންޏެވެ. އޭގެން އެއްވެސް ކަމަކާ އަހަރެން އަޅައެއް ނުލަމެވެ. މަންމަ އާއި ކޮއްކޮ ވެސް ރަށަށް އައިސް އަބަދުމެ އަހަރެން އުފާ ކޮއްދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ.
އެއް ދުވަހު އަހަންނަށް އިވުނީ މަންމަ ނަމާދު ކުރާ އަޑެވެ. ނަމާދުގައި ކިޔާ އެއްޗެހި ކިޔާނީ ސިއްރުންކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެފަހަރު އަހަންނަށް އެއަޑު އިވުނީ ވަރަށް ސާފު ކޮށެވެ. އަހަރެން ހައިރާންވިއެވެ. އަހަންނަކީ މީގެ ކުރިން އެހާ ކަންފަތް ތޫނު މީހެއް ނޫނޭ އަހަރެން ހިތައް އެރިއެވެ. އެހައިރާން ކަމުގައި އިންދާ ދެން އަހަންނަށް އިވުނީ މަންމަގެ ދުޢާ ގެ އަޑެވެ.
”ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ. މިއަޅާގެ ދަރިފުޅަށް ދިމާވެފައިވާ ކަމުގައި އެދަރިފުޅަށް ހިތްވަރު ދެއްވާފާނދޭވެ. މިއަޅާގެ ދަރިފުޅުގެ ލޮލުން ހުއްޓުމެއް ނެތި އޮހޮރެމުންދާ ކަރުނަތަށް ފުހެދެއްވާ އެދަރިފުޅަށް ހިނިތުންވާން އަލުން ދަސްކޮށް ދެއްވާފާނދޭވެ. ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެ އޯގާ ވަންތަ ރަސްކަލާނގެ“
މަންމަ ގެ ދުޢާ އަޑު އަހާފައި އަހަންނަށް ރޮވުނެވެ. އެއީ ދަރިއެއްގެ ވޭނަށް ކެތް ނުކުރެވުނު މައެއްގެ ދުޢާ އެވެ. އަހަންނަކީ ވެސް މައެކެވެ. ނަމަވެސް އެހެން ބުނަން ވެސް އަހަރެން ލަދު ގަނެއެވެ. އަހަރެންގެ ދަރިފުޅުގެ ހާލު ވެސް އަހަރެން ބަލާ ނުލިތާ އެދަރިފުޅު މަތިން އޭގެ ކުރިން އަހަރެން ހަނދާނެއް ވެސް ނުވިއެވެ. އެދުވަހު އަހަރެންގެ މަންމަ އަހަރެން ދެކެވާ ލޯބި އިޙްސާސް ކުރެވުނެވެ. ނަމަވެސް އެއާއކީ އަހަރެންގެ އަމިއްލަ ދަރިފުޅަށް އަހަންނަށް އެއްވެސް ލޯތްބެއް ނުދެވުންކަން ވެސް އިޙްސާސްވިއެވެ.
އެވަގުތުން ފެށިގެން އަހަރެން ނިންމީ އަހަރެންގެ ދިރިއުޅުން ބަދަލު ކުރާށެވެ. ގޯސްކޮށް ކުރެވުނު ހުރިހާ ކަމެއްވެސް ރަނގަޅު ކުރާށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުރަން ފެށިކަމަކީ ނަމާދު ކުރުމެވެ. ނަމަވެސް އެހާ ގިނަ ދުވަހު ނަމާދެއް ނުކޮއް ހުރުމުން އަހަންނަށް ނަމާދުގައި ކިޔާ އެއްޗެއް ނޭނގުމުގެ އިތުރުން ނަމާދުގެ ހަރަކާތް ތަކެއްވެސް ހަނދާނެއް ނެތެވެ. ނަމަވެސް އަހަރެން ބޭނުންވީ އަލުން ދަސްކުރާށެވެ. މަންމަ ގާތު އަހަންނަށް ހުރިހާ ކަމެއް ވެސް އަލުން ދަސްކޮއްދިނުމަށް އެދުނީމެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމުން، މަންމަ އަހަންނަށް ދެފަހަރަކު ކިޔާ ދިނުމުން އަހަންނަށް ހުރިހާ ކަމެއްވެސް ހަނދާންވެ ދަސްވިއެވެ. ލޯފަން މީހުންގެ ލޮލުގެ ފެނުން ގެއްލުމުން އިތުރު ހިއްސުތަކެއް ލިބޭނެއޭ ބުނާތީ އަޑު އެހީމެވެ. އެކަން ޤަބޫލު ކުރެވުނީ އަމިއްލަ ނަފްސަށް އެކަން ދިމާވުމުންނެވެ. އޭގެ ފަހުން އަބަދުވެސް އަހަރެން ނަމާދު ކުރަމެވެ. ގަވައިދުން ފަސް ވަގުތު ނަމާދު ކުރަމެވެ.
އަހަރެންގެ ލޯބިވާ މަންމަ ގާތު ހުރިހާ ވާހަކައެއް ވެސް ހިއްސާ ކުރަމުން ގެންދިޔައީމެވެ. ދަރިފުޅުގެ ހާލެއް ނުބަލާ ހުރެވުމުން ހިތާމަ ކުރާ ވާހަކަ ވެސް ބުނީމެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި މަންމަ ހެދީމެވެ. މަންމަ އަހަންނަށް ދިން އެންމެ ބޮޑު ހަދިޔާއަކީ އަހަރެންގެ ކުރީގެ ފިރިމީހާ އާއި ވާހަކަ ދައްކާ، އޭނާއަށް ވިސްނާދިނުމެވެ. އޭނާ އަކީ ވެސް ހިތްހަރު މީހެއް ނޫންކަމުން އޭނާއަށް އަހަރެންގެ ހާލަތު ވިސްނި އަހަންނާ މެދު ރަޙުމްކުރިއެވެ. އަދި ފަސް ދުވަހަށް ދަރިފުޅު އަހަރެންގެ ގާތުގައި ބެހެއްޓިއެވެ. އަހަންނަށް ދަރިފުޅު ފެނުމުގެ ނަސީބު މިހާރު ލިބިފައި ނުވި ކަމުގައި ވިޔަސް، ދަރިފުޅުގެ އެއްވެސް ކަމެއް އުންޏެއް ނުކުރަމެވެ. އެދަރިފުޅަކީ އަހަރެންގެ ނަސީބެވެ. ދުވަހަކު ވެސް އެއްވެސް ލޯތްބެއް ނުދެވުނު މިމަންމަ ދެކެ އެދަރިފުޅު އިންތިހާއަށް ލޯބިވެއެވެ. އަހަރެން ގައިގާ ލޯބިން ފިރުމާ، ހުއްޓުމެއް ނެތް ވާހަކަ ތަކުން އަހަރެން ފޫހި ފިލުވާ ދިނެވެ.
ކުރީގެ ފިރިމީހާ އަތުން ދަރިފުޅު އަތުލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހައްޤެއް އަހަންނަކަށް ނެތެވެ. އެހެން ހަދައިގެން އަނެއްކާވެސް ބޭއިންސާފުކޮށް ކަންތައް ކުރުމަށް ވުރެ މިހެން އަހަރަކު ދެފަހަރު އަހަރެން ގާތު ދަރިފުޅު ހުރުންވެސް މާ ހިތައް ފަސޭހައެވެ.