މި އަންނަ ސެޕްޓެމްބަރ މަހު ރާއްޖޭގައި ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން .ަ(ޑަބްލިޔުޓީއޯ) ބަލައިގަނެ، އެންޑޯސްކޮށްފި އެވެ.
ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް 2016 އިންތިޒާމުކުރާ ”ގެޓް އަވޭސް“ އިން ބުނި ގޮތުގައި ރާއްޖޭގެ 150 ގެސްޓް ހައުސް ވެރިން ބައިވެރިވާ މި ބައްދަލުވުން ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ޑަބްލިޔުޓީއޯ އިން އެންޑޯސްކުރުމަކީ ލިބިގެން ދިޔަ ބޮޑު ޝަރަފެކެެވެ. އަދި މިކަމުން އެނގިގެން ދަނީ މި ކޮންފަރެންސް ގިނަ ބަޔަކު ބަލައިގެންފިކަން ކަމަށް ވެސް ގެޓް އަވޭސް އިން ބުނެފައިވެއެވެ.
ޑަބްލިޔުޓީއޯ އިން ގެސްޓް ހައުސް ކޮންފަރެންސް އެންޑޯސް ކުރުމާއި ގުޅިގެން އެ ޖަމިއްޔާއިން އޭޝިޔާ އާއި ޕެސިފިކް ގައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެގްޒެކެޓިވް ޑިރެކްޓަރު ޒޫ ޖިން ވަނީ ބަޔާނެއް ދެއްވާފައެވެ. އެ ބަޔާނުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ކޮންފަރެންސަށް މަރުހަބާ ކިޔާފައެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ މަތީ ފަންތީގެ ޓޫރިޒަމް މާކެޓެއް ނަމަވެސް ރާއްޖޭގައި ބާއްވާ ފުރަތަމަ ގެސްޓް ހައުސް ކޮންފަރެންސުގެ ސަބަބުން ގެސްޓް ހައުސް މާކެޓަށް ވެސް ރާއްޖޭގައި ފުރުސަތު އޮތްކަން އެނގިގެންދާ ކަމަށެވެ.
ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ އޮންލައިން ނޫހެއް ކަމަށްވާ ”އަވަސް އޮންލައިން“ އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮންނާނީ މިއަންނަ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު އެވެ.