އުރީދޫ މޯލްޑިވްސް އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ މުވައްޒަފުންގެ މުވާސަލާތީ ބޭނުންތަކަށް ފުރިހަމަ ހައްލެއް ފޯރުކޮށްދިނުމަށްޓަކައި، އުރީދޫ ވަރކްގްރޫޕް ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
މި ޙިދުމަތް މެދުވެރިކޮށް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެއެވެ.
ފިނޭންސް މިނިސްޓްރީ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުރީދޫ ވަރކްގްރޫޕް ޚިދުމަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ އަހުމަދު މުނައްވަރު އެވެ.
”އަދުގެ ދުނިޔޭގައި، ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓީމްތަކުގެ މެދުގައި އެދެވޭގޮތުގައި މުއާމަލާތްތައް ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ވަނީ ވަރަށް މުހިއްމުވެފައި. މިނިސްޓްރި އޮފް ފިނޭންސް އަކީ ޤައުމުގެ މައި އެއް ތަނބު ކަމުގައި ވެފައި، ހަރުދަނާ އަސާސްތަކާއި ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހި އިޤްތިޞާދު ކުރިއެރުވުމަށްޓަކައި މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގައި މުވައްޒަފުންގެ މުވާސަލާތީ ބޭނުންތައް ފުރިހަމަ ކުރުން ވަރަށް މުހިއްމު. މިގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ މުވައްޒަފުންގެ ތެރޭގައި ހިލޭ ގުޅާލުމުގެ ފުރުސަތު ހުޅުވައި، އެހެނިހެން ނަންބަރު ތަކަށް ވަރަށް ހެޔޮއަގުގައި ގުޅާލުމުގެ މަގުފަހިކޮށްދީ، ޕެކޭޖާއި އެކު ހިލޭ ޑޭޓާވެސް ލިބޭ ޚިދުމަތެއް މިނިސްޓްރީގެ މުވައްޒަފުންނާއި ހަމައަށް ގެނެސްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.“ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ މިނިސްޓްރީ އިން ކުރާ މުހިންމު އެއްކަމަކީ ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތަކުގެ ފުރިހަމަ ބޭނުން ހިފުން. މިގޮތުން، އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ، މުއާމަލާތް ކުރުން ފަސޭހަވެގެންދާނެ ޓެކްނޮލޮޖީތައް މަސައްކަތުގެ މާހައުލަށް ތައާރަފްކުރުން. މިކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ފަސޭހަވެ، އިތުރަށް ފުރިހަމަ ވެގެންދާނެ.“ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ، އަހުމަދު މުނައްވަރު ވިދާޅުވިއެވެ.
އުރީދޫ ވަރކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއި އެކު، 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، ވާރކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ކޯޕަރޭޓް ކުންފުނިތަކަށް ތަކަށް ޚާއްސަކޮށް ތައާރަފްކުރެވިފައިވާ ވަރކްގްރޫޕް މެދުވެރިކޮށް، އެކި ލޮކޭޝަންތަކުގައި ވާ އޮފީސްތަކާއި ކުންފުނީގެ މުވައްޒަފުން، އެއް މޮބައިލް ނެޓްވަރކެއް ތެރޭގައި ގުޅުވާލަދީ، މިކަމުގެ ސަބަބުން، ކުންފުނިތެރޭގައި މުއާމަލާތްތައް ކުރުމުގެ ފަސޭހަކަން އިތުރުވެ، މަސައްކަތް ކުރުމަށްވެސް އިތުރު ފުރިހަމަކަމެއް މެދުވެރިވެގެންދެއެވެ.
އުރީދޫ ވާރކްގްރޫޕް އަށް ދާދިފަހުން ގެނެވިފައިވާ ބަދަލުތަކާ އެކު ތައާރަފް ކުރެވިފައިވާ އާ ޕޯޓަލް މެދުވެރިކޮށް، ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި، އާ ކަނެކްޝަންތަކަށް އެދުމާއި، ވާރކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި، އެ ލިސްޓް އަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެއެވެ. ހަމައެއާއި އެކު ވަކި ވަކި ގްރޫޕްތައް އުފައްދާ، މިގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަންވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ. އުރީދޫ ވާރކް ގްރޫޕް ކަސްޓަމަރުންނަށް، މަސައްކަތުގެ މައިދާނުގެ އިތުރުން، އާއިލާ އާއި ގުޅާލުމަށްވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކުންފުނީގެ ވާރކްގްރޫޕްގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މިއަދު އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، އެސްޓީއޯ، އެމްސީއެސް، ޕީޖީ އޮފީސް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ލޯ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން މަޝްހޫރު އެތައް ކުންފުނިތަކާއި ރިސޯޓްތަކުން ދަނީ އުރީދޫގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޕެކޭޖު ކަމަށްވާ އުރީދޫ ވަރކްގްރޫޕުގެ ޚިދުމަތް ބޭނުންކުރަމުންނެވެ.