މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ”ޓެކްސް ވީކް“ ގެ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މީރާ ކްލަބާއި މޯލްޑިވްސް ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މީރާގައި މި ކަމަށް ހާއްސަކުރެވިގެން ބޭއްވުނު ބްލަޑް ކޭމްޕްގައި މީރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމުންގެ ތެރެއިން ބައެއް ފަރާތްތަކުންވެސް ވަނީ ލޭ ހަދިޔާކޮށްފައެވެ.
ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ބްލަޑް ސަރވިސަސް އިން މީރާއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، މީރާއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.