ކުރީގެ ފޮރިން މިނިސްޓަރު، ހ ހިކިފިނިފެންމާގޭ އަހްމަދު ނަސީމް (ކެރަފާ ނަސީމް) 14 ދުވަސް ތެރޭގައި ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކ.މާލެ، ހ. ހިކިފިނިފެންމާގެ އަޙްމަދު ނަސީމް (68 އަހަރު) އަކީ ތަޙްޤީޤަށް ޙާޟިރުކުރުމަށް ބޭނުންވެ ދިވެހިރާއްޖޭގައި މިވަގުތު ނެތުމުގެ ސަބަބުން ތަހްޤީޤަށް ހާޒިރު ކުރެވިފައި ނުވާ މީހެއް ކަމަށެވެ.
”އަޙްމަދު ނަސީމް ތަޙްޤީޤަށް ހާޟިރުކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސައްކަތްކުރި ނަމަވެސް އަޙްމަދު ނަސީމް މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ޙާޟިރުވުމަށް އަންގާ ޗިޓް ވަނީ އެފަރާތާއި، ހަވާލުނުކުރެވި“ ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އަޙްމަދު ނަސީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުގެ ގޮތުން 13 އޯގަސްޓް 2016 ވަނަދުވަހުން ފެށިގެން 14 (ސާދަ) ދުވަސް ތެރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އެންގުމަށްޓަކައި މި ނޫސް ބަޔާން މެދުވެރިކޮށް އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ތަޙްޤީޤަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ޤާނޫނީ އެހެނިހެން ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަޅާނެކަމުގައި ދަންނަވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.